ޚަބަރު

ނައިބުރައީސް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފި


  • މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ނައިބުރައީސް

  • ރާއްޖޭގެ ފުޓްސަލް ކިންގް އަށް ޓްރޮފީއާއި ތާޖު ހަވާލުކޮށްދެއްވީ ވެސް ނައިބުރައީސް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތްކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ގއ. ދެއްވަދޫއާއި ހދ. ނައިވާދޫއެވެ. މި މެޗު 3-9 އިން ކާމިޔާބުކޮށް ނައިވާދޫއިން ވަނީ ރާއްޖޭގެ ފުޓްސަލްގެ ރަސްކަން ހޯދާފައެވެ. ނައިބުރައީސް ވަނީ މި މެޗު ބައްލަވާލެއްވުމުގެ އިތުރުން، މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް އާއި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ފުޓްސަލް ކިންގުގެ ޓްރޮފީއާއި ތާޖު ހަވާލުކޮށްދެއްވީ ވެސް ނައިބުރައީސް އެވެ.

119 ރަށަކުން ބައިވެރިވި މި މުބާރާތުގެ ޗެމްޕިއަންކަން ހދ. ނައިވާދޫއިން އަދި ރަނަރަޕް ކަން ދެއްވަދޫއިން ހޯދިއިރު މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ކ. ގާފަރެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކިންގް ޔާމީންގެ އިތުރުން ނައިވާދޫގެ އަޙްމަދު ހަމީދު (އައްމަޑޭ) އާއި ދެއްވަދޫގެ އަލީ ހައިސަމް (ޗުމްޕު) އަދި ދުވާފަރުގެ މުޙައްމަދު އިސާމް އާއި މަތިވެރީގެ އަލީ އަލްސަން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ނައިވާދޫގެ މުޙައްމަދު ނާޝިދު އަޙްމަދު ނަސީމެވެ.

މުޅި ރާއްޖެ އެ މުބާރާތަކަށް ޝައުގުވެރިވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މިފަހަރުގެ މުބާރާތަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.