މުނިފޫހިފިލުވުން

ބައިނަލްއަޤްވާމީ ފެސްޓިވަލަކަށް ހަބޭސް މިސްރަށް ފުރައިފި


މިސްރުގައި ބާއްވާ އިންޓަރނޭޝެނަލް ސަމާ ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް "ހަބޭސް ބޮޑުބެރު ގުރޫޕް" މިސްރަށް ފުރައިފިއެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް މިސްރުގެ ވެރިރަށް ޤާހިރާގައި ކުރިއަށްގެންދާ "އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮރ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ގައި ދުނިޔޭގެ އެކި ޤައުމު ތަކުގެ މިއުޒިކް ބޭންޑްތައް ބައިވެރިވެއެވެ. މިފެސްޓިވަލްގައި ރާއްޖޭން ވާދަކުރާ ގްރޫޕަކަށް ހަބޭސް ބޮޑުބެރު ގުރޫޕް ހޮވުނީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް "އެންސީއޭ" ހުޅުވާލުމުން އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބިގެނެވެ. 

ހަބޭސްގެ މެނޭޖަރ އަލީ ޝިފާޢު ބުނީ މި ފެސްޓިވަލްގައި ބައިވެރިވާން ފުރުޞަތު ލިބުމުން މި ފެސްޓިވަލަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. މިފެސްޓިވަލްގައި ހަބޭސް ބޮޑުބެރު ގުރޫޕްގެ ފަރާތުން ގްރޫޕް މަދަހަ ވެސް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށް އަލީ ޝިފާއު ބުންޏެވެ. 

img:http://s4.psmnews.mv/images/660x400/14741220081081.jpg|މިސްރަށް ފުރި ހަބޭސް ބޮޑުބެރު ގުރޫޕްގެ މެމްބަރުން

ހަބޭސްގެ ސްޕޯކްސްޕަރސަން މުޙައްމަދު ސައިފް ބުނީ ދުނިޔޭގެ ފެންވަރުގައި ބާއްވާ މިފަދަ ބޮޑު ފެސްޓިވަލަކުން އެގުރޫޕަށް ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށާއި މި ފެސްޓިވަލުން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށެވެ.

"ހަބޭސް ރާއްޖެއިން ބޭރަށްގޮސް މި ފެސްޓިވަލްގައި މިކަހަލަ މަދަހަ ސަނާ ކިޔަން ފުރުޞަތު ލިބުނީމަ ވަރަށް ފަޚުރުވެރިވޭ. އަސްލު ސަބަބަކީ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފަ، އަމުދުން މިކަހަލަ މަދަހަ ކިޔާ ފެސްޓިވަލަކަށް ރާއްޖޭގެ އެއްވެސް މިއުޒިކް ބޭންޑެން އަދި ގްރޫޕަކުންވެސް ގޮސްފަނެތީމަ. އެހެންވީމަ ފުރަތަމަ މިކަހަލަ ކަމެއް ކުރަން ހަބޭސްއަށް ލިބުނީމަ އަދި ހަބޭސްގެ ފުރަތަމަ ދަތުރަކީ މިކަހަލަ ދަތުރަކަށްވީމަ ވަރަށް އުފާވޭ". ސައިފް ބުންޏެވެ. 

ހަބޭސް ބޮޑުބެރު ގްރޫޕް މިސްރަށް ގޮސްފައި މިވަނީ ޢީދު ބަންދުގައި ރާއްޖޭގެ އުތުރުގެ ފަސް ރަށެއްގައި ޝޯވ ދިނުމަށްފަހުއެވެ. ހަބޭސްގެ ގްރޫޕްތައް ކަމަށްވާ ހަބޭސް ބޮޑުބެރު ގްރޫޕާއި، ހަބޭސް ޕޮޕް ބޭންޑާއި އަދި ގްރެވިޓީ ބައި ހަބޭސްއަކީ ރާއްޖޭގައި މަޤްބޫލް މިއުޒިކް ގްރޫޕްތަކެކެވެ.