ވިޔަފާރި

ގެޓްސެޓް - ސަރުކާރުގެ ކާމިޔާބު ޕްރޮގްރާމެއް


ގެޓްސެޓް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކޮށް، ޒުވާނުން ވިޔަފާރީގެ ދާއިރާއިން ކުރިއަރައި ދިޔުމަށް ސަރުކާރުން ހުޅުއްވާލެއްވިލޯނު ފުރުޞަތެކެވެ. ޒުވާނުން ބާރުވެރިކުރެއްވުމުގެ ގޮތުން ޒުވާނުންނަށް ހުރި ފުރުޞަތުތައް ފަސޭހަކަމާއެކު އެ ފުރުޞަތުގެ ބޭނުންކުރެވޭ ގޮތަށް ހުޅުއްވާލެއްވި ގެޓްސެޓް ޕްރޮގްރާމަކީ ޢުމުރުން އަށާރަ އަހަރާއި ތިރީސް ފަސް އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުއްވާލެއްވި ޕްރޮގްރާމެކެވެ.

ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް ހުޅުއްވާލެއްވި މި ފުރުޞަތުގައި ދެ ބައިވެރިން ނުވަތަ އެއަށްވުރެ ގިނަ ބައިވެރިން ހިމެނޭ ގޮތަށް ވިޔަފާރިއެއް ހިންގުމަކީ ގެޓްސެޓްގެ ލޯން ސްކީމްގެ އުޞޫލުތައް ތަންދޭ ކަމެކެވެ. ތިންސަތޭކަހާސް ރުފިޔާއާއި އަށްސަތޭކަހާސް ރުފިޔާއާ ދެމެދުގެ ލޯނެއް ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ނެގުމުގެ ފުރުޞަތު އޮވެއެވެ. މި ފުރުޞަތު ހުޅުވާލެއްވުމާއެކު ޖުމްލަ ފަސް ސަތޭކަ ހަތްދިހަ ޒުވާނުން މި ލޯނަށް އެދުނެވެ. މި ސްކީމްގެ ދަށުން ތިރީސް ހަތަރު ލޯނެއް ވަނީ ހަތްދިހަ ދެ ޒުވާނުންނަށް ދެއްވާފައެވެ. މީގެތެރެއިން ގިނަ ފަރާތްތަކަކީ މިއަދު އެމީހުންގެ ވިޔަފާރި ފަށައި، ކުރިއަރަމުން އަންނަ ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ.

img:http://s1.psmnews.mv/images/660x400/4294.jpg|ގެޓްސެޓް ލޯނު ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން-

މިކަމާބެހޭގޮތުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ވިޔަފާރި ފެށި ފަރާތްތަކުން އެފަރާތްތަކަށް ލިބިފައިވާ ކުރިއެރުން ފާހަގަކުރެވުނުއިރު، އެފަރާތްތައް ހިތްހަމަ ޖެހިފައިވުމުން އެއީ ލިބުނު ކާމިޔާބީއެއްކަމަށް ދެކޭކަމަށެވެ.

img:http://s3.psmnews.mv/images/660x400/14719580122283.jpg|އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު - ފޮޓޯ: ވަޙީދު، ޕީއެސްއެމް

ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނުން މި ލޯނު ނަގާފައިވާއިރު ތަފާތު އެކި ދާއިރާތަކުގެ ވިޔަފާރިތައް ޒުވާނުން ވަނީ ހުށަހަޅާފައި. އޭގެތެރޭގައި ލޯކަލް ޓޫރިޒަމް، ރެސްޓޯރެންޓްސް، ސްޕޯޓްސް ޖިމް، ގޭމް އާރކޭޑްސް، މިޔުޒިކް އެންޑް އިވެންޓް މެނޭޖްމަންޓް، އެގްރިކަލްޗަރ އަދި ރީޓެއިލް ޓްރޭޑްސް ހިމެނެއެވެ. މި ވިޔަފާރިތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ މިފަދަ ވިޔަފާރިތަކުގެ ތެރެއިން ބައެއް ވިޔަފާރިތަކަށް ބަލާލުމުންވެސް، އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ރާއްޖޭގެ މާރކެޓް އޮތީ ކިހިނެއް، ކޮން ދާއިރާތަކަކުންކަން، އެގޭކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޒުވާނުން، އާ ވިޔަފާރިތަކެއް އުފެއްދުންކަމަށާއި އޭގެ ނަތީޖާ މިހާރު ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14719580122283.jpg|އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު - ފޮޓޯ: ވަޙީދު، ޕީއެސްއެމް

''އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކަށްވެސް ރާއްޖޭގެ މާރކެޓް އޮތީ ކިހިނެއްކަން އެނގޭ.. ކޮންދާއިރާތަކަކުންކަން..ރައިސްގެ ވިސްނުންފުޅު ހުރީ ޒުވާން އާ ވިޔަފާރިތަކެއް އުފެއްދުމަށް، އޭގެ ނަތީޖާ ފެންނަމުން މިދަނީ..އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް..އެމީހުން މި ޕްރެޒެންޓް ކޮށްދެނީ ތިމަންނަމެންގެ ކާމިޔާބީތައް މިހިރީއޭ އެހެންވީމަ އެގޮތަށް ބަލާއިރު ގެޓްސެޓް ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއް.'' މިނިސްޓަރ ވިދާޅުވިއެވެ.

ގެޓް ސެޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނު ދައްކާ ޚަލާޞްކުރަން ނުވަ އަހަރުގެ މުއްދަތެއް ދެއްވާފައިވާއިރު އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ވަނީ ދެއްވާފައެވެ. ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ފެށި ވިޔަފާރިތަކަށް މިއީ ފެށުމެއްކަމަށާއި އެފަރާތްތަކަށް ދިމާވާ ދަތިތަކާއި ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލައި އެހީތެރިވުމަށް އެމިނިސްޓްރީ ވަރަށް ގާތުގައި އޮންނާނެކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.