ޚަބަރު

މިއަހަރު އިތުރު ޔޫތް ފެއަރއެއް ބާއްވަން ނިންމައިފި


ދިރިއުޅުން އާރާސްތުކުރުމަށް ބޭނުންވާ މުހިންމު ފުރުޞަތުތައް ޒުވާނުންގެ ހޯއްދަވައިދެއްވުމަށް މިއަހަރުގެ ތެރޭގައި ބޭއްވެވި ފެއަރތަކުގެ ކާމިޔާބު ތަޖުރިބާއަށް ބައްލަވައި މިއަހަރުގެ ފަހު ކުއާޓަރުގައި އިތުރު ފެއަރއެއް ބާއްވަވަން ނިންމަވައިފިކަން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ޒުވާނުންނަށް ޚާއްޞަ އަމާޒުތައް ޙާޞިލްކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޕީ.އެސް.އެމްއާ ޙިއްޞާކުރައްވަމުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ހުރިހައި ދާއިރާއެއްގައިވެސް ޒުވާނުންނަކީ ހަރުދަނާ އަދި ޤައުމަށާއި މުޖުތަމަޢަށާއި އެ ޒުވާނުންގެ ދިރިއުޅުމަށް ފަހި ބަޔަކަށް ހެއްދެވުމަކީ ސަރުކާރުގެ ޢަމާޒުކަމަށެވެ. މިގޮތަށް ޒުވާނުން މެއިން ސްޓްރީމް ކުރެވެން އަންނަނީ ޒުވާނުން ބާރުކުރެވިގެން ކަމަށްވުމާއެކު، އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަނީ ޒުވާނުންނަށް ވަޒީފާގެ ފަހި ފުރުޞަތުތަކާއި އެކިދާއިރާތަކުން ތަޖުރިބާ ހޯއްދަވައިދެއްވައި، ފަންނު ދަސްކުރުމުގެ ފުރުޞަތުތަކައް މަގުފަހިން ކުރުމަށް ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14705502535662.jpg|"ޔޫތް ޗެލެންޖް 2016"ގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ފަންނުވެރި ޒިންމާދާރު ޒުވާން ޖީލަކަށް ސަރުކާރުން އަމާޒު ހިފާފައިފާއިވާއިރު، ޒުވާނުން ބޭނުންވާ ދާއިރާތައް ދެނެގަނެ، ރާއްޖޭގައި ހުރި ޒުވާނުންނާ ގުޅުން ހުރި ފުރުޞަތުތައް ޒުވާނުންނަށް އަންގައިދެއްވުމުގެ ގޮތުން ތަފާތު ފެއަރތައް ގެންދަވަނީ ބާއްވަވަމުންނެވެ. މީގެ ތެެރޭގައި ޔޫތު ޗެލެންޖާއި، ކިއްސަރު ފެއަރ ހިމެނެއެވެ. ޔޫތު މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، މިއަހަރު މިހާތަނަށް ބޭއްވެވި ދެ ކިއްސަރު ފެއަރއާއި ޔޫތު ޗެލެންޖުވެސް ވަރަށް ކާމިޔާބު ކަމަށާއި، މި ފެއަރތަކަކީ ޒުވާނުންގެ ތެރޭގައި ވަރަށް މަޤްބޫލް ފެއަރތަކަކަށް ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފެބްރުއަރީމަހު އައްޑޫސިޓީގައި ބޭއްވި ކިއްސަރު ފެއާރައަށް 1353 ޒުވާނުން ޒިޔާރަތްކޮށް ފެއާއިން ފުރުޞަތު ލިބިގަތް. އދ މަހިބަދޫގައި ސެޕްޓެމްބަރުމަހު ބޭއްވި ކިއްސަރު ފެއަރއަށް 1357 ޒުވާނުން ޒިޔާރަތްކުރި. މިފެއަރ ތަކުން އިންޓަންޝިޕްތަކާއި، ވަޒީފާތަކުގެ ފުރުޞަތުތަކާއި، ތަމްރީން ޕްރޮގްރާމްތައް ޒުވާނުންނަށް ހުށަހެޅިގެންދިޔަ. މިއީ ވަރަށް ކާމިޔާބު ކިއްސަރު ފެއަރ ތަކަކަށްވެގެން މިދިޔައީ.މީގެ އިތުރުން އޯގަސްޓްމަހު މާލޭގައި ބޭއްވި ޔޫތު ޗެލެންޖުވެސް މިދިޔަ އަހަރާއި އަޅާ ބަލާއިރު ވަރަށް ކާމިޔާބު ޗެލެންޖަކަށް ވެގެން ދިޔައީ.ތިންގުނަ ރިޓާން ލިބުނު. މި އަހަރުގެ ޔޫތް ޗެލެންޖަށް 8232 ޒުވާނުން ޒިޔާރަތްކޮށްފައިވޭ." އިރުތިޝާމް އާދަމް ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14736732279392.jpg|ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް- ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ ވިދާޅުވީ، މިއަހަރު މިހާތަނަށް ކިއްސަރު ފެއަރ ދެ ސަރަޙައްދެއްގައި އަދި ޔޫތު ޗެލެންޖް މާލޭގައި ބާއްވަވައި ކުރެއްވުނު ތަޖުރިބާއަށް ބަލާއިރު، ޒުވާނުން މިފަދަ ފުރުޞަތުތަކަށް ބޭނުންވެފައިވާ މިންވަރު ފާހަގަކުރެވިގެން ހިނގައްޖެ ކަމަށެވެ. އަދި ޒުވާނުން މި ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ހިފަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި އެހެންކަމުން، ބޭނުންވަނީ އަހަރުގެ ކުރިޔަށް މިއޮތް ދުވަސްވަރުގައިވެސް އާބާދީ ބޮޑު ސަރަޙައްދެއްގައި ކިއްސަރު ފެއަރއެއް ބޭއްވެވުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިޔަށް އޮތްތާގައި ރާއްޖޭގެ އާބާދީ ބޮޑު ރަށެއްގައި ކިއްސަރު ފެއަރ އެއް ބާއްވަން ޤަސްދު ކުރަން. ވިސްނަމުން މިދަނީ މިއަހަރުގެ ފަހު ކުއާޓަރުގައި ބާއްވަން. ތަފާތު ލޮކޭޝަނަކަށްބަލާއިރު، ވިސްނުން ހުރީ ހދ.ކުޅުއްދުއްފުށީގައި ބޭއްވުމަށް. ކުޅުއްދުއްފުއްޓަކީ އާބާދީ ބޮޑު ރަށެއްކަމުން،އެދާއިރާގެ އެކި އެކި ބޭފުޅުންނާއި،ގުޅިގެންވެސް މިފަދަ ފެއަރ ބޭއްވިދާނެ. މިއަހަރުގެ ފަހުކޮޅަށް ބަލާފައި،އެއް ފެއަރ ބާއްވާލެވުނަސް، އެދެވޭ ގޮތެއްގައި ޒުވާނުންނަށް ފުރުޞަތުތަކެއް ހުށަހެޅިގެންދާނެކަމަށް އަޅުގަނޑު ދެކެނީ." އިރުތިޝާމް ވިދާޅުވިއެވެ. 

ޔޫތް މިނިސްޓްރީން ވިދާޅުވީ، މިފެއަރއަކީ ޒުވާނުންނާއި ކިޔަވާ ކުދިންނަށް ވަޒީފާގެ ފުރުޞަތުތަކާއި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެން ހުރި ރޮގުތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީގެން ވަޒީފާގެ ބަޒާރަށް ހޭލުންތެރިކުރުވާ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ބާއްވަވާ ފެއަރއެއްކަމަށެވެ.