ރާއްޖޭގައި ސަރުކާރުގެ ފަރާތުން ޞިއްޙީ ޚިދުމަތްދެއްވާ ތަންތަނުގެ ބޭނުންތަކަށް ގިނަ ޢަދަދެއްގެ ފަރުނީޗަރު ގެންނަވައި އެފަދަ މަރުކަޒުތަކާއި ޙަވާލުކުރައްވައިފިއެވެ. މިފަރުނީޗަރުތައް ހެލްތު މިނިސްޓްރީން ހޯއްދެވީ އެސްޓީއޯއާ ޙަވާލުކުރައްވައިގެންނެވެ. ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ފަރުނީޗަރު ހޯއްދެވީ ގާތްގަޑަކަށް 9.6 މިލިޔަން ރުފިޔާ ހޭދަކުރައްވައިގެން ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގެ ޞިއްޙީ ޚިދުމަތް ދެއްވާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް ބޭނުންވާ ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް އެއްފަހަރާ ސަރުކާރުން ގެންދަވަނީ ހިންގަވަމުންނެވެ. އޭގެ ތެރޭގައި ޢިމާރާތްތައް ތަރައްޤީ ކުރެއްވުމާއި ޖާގަ ތަނަވަސް ކުރެއްވުމާއި އިންސާނީ ވަޞީލަތް ތަރައްޤީ ކުރެއްވުމާއި މެޑިކަލް އިކްވިޕްމަންޓާއި ފަރުވާއަށް ބޭނުންވާ އެހެން ސާމާނު ހޯއްދެވުމާއި ހިންގެވުމުގެ އުޞޫލުތައް ހަރުދަނާ ކުރެއްވުން ހިމެނެއެވެ. މި ހުރިހާ މަސައްކަތެއްގެ މައިގަނޑު އަމާޒަކީ، ރައްޔިތުންނަށް ދެއްވާ ޞިއްޙީ ޚިދުމަތް ދެވޭ ފެންވަރު މަތިކުރެއްވުމެވެ.
މިގޮތުން ހިންގަވާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢަކީ ޞިއްޙީ ޚިދުމަތްދެއްވާ ތަންތަނުގެ މަސައްކަތްތަކަށް ބޭނުންކުރާނެ ފަރުނީޗަރފަދަ ތަކެތި ހޯއްދެވުން، ޞިއްޙީ ޚިދުމަތްދެއްވާ އެކި ތަންތާނގައި ފަރުނީޗަރުގެ ޙާލަތު ދަށްކޮށް ހުރުމާއެކު، އެއްފަހަރާ 9.6 މިލިޔަން ރުފިޔާ ހޭދަކުރައްވައިގެން ވަނީ ފަރުނީޗަރ ގެންނަވާފައެވެ.
މި މަޝްރޫޢުގެ ދަށުން ގެންނެވި ފަރުނީޗަރ މިހާރު ވަނީ ޞިއްޙީ ޚިދުމަތްދެއްވާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް ފޮނުވާފައެވެ. މި ޕްރޮޖެކްޓަކީ މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ޞިއްޙީ ޚިދުމަތްދެއްވާ މަރުކަޒުތަކަށް އަމާޒުކުރައްވައިގެން ހިންގެވި ޕްރޮޖެކްޓެއް ކަމަށް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޤާސިމް ވިދާޅުވިއެވެ."80 ޕަސެންޓް އެއްޗެހި ރާއްވާ މިހާރު ބޭނުން ކުރަމުންދާނީ. ޢަދަދުގެ ގޮތުން ގާތްގަޑަކަމަށް ބާރަހާސް ފާރނީޗަރ އުޅޭނެ. މީގެ ތެރޭގައި ގޮނޑިއާއި މޭޒާ އަލަމާރިއާއި މިހެންގޮސް ފައިލިން ކެބިނެޓާއި މިހެންގޮސް 12 ވަރަކަ އައިޓަމެއް އުޅޭނެހެން ހީވަނީ" ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޤާސިމް ވިދާޅުވިއެވެ.
ޞިއްޙީ ޚިދުމަތް ދެއްވާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް ބޭނުންވާ ވަޞީލަތްތައް ހޯދަވައިދެއްވުމުގެ މަސައްކަތުގެ އިތުރުން، އިމާރާތް ކުރެއްވުމާއި އާބާތުރަ ފިލުއްވުމުގެ މަސައްކަތްތައްވެސް ހެލްތް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.
ހިނގަމުން މިދާ ރިޔާސީ ދައުރުގައި ޞިއްޚީ ޚިދުމަތްދޭ ތަންތަން މަރާމާތު ކުރެއްވުމާއި، ޖާގަ އިތުރު ކުރެއްވުމަށް މިހާތަނަށް ގާތްގަނޑަކަށް 484 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.