ޚަބަރު

ބްރެންޓްފޯޑް އިން އާސެނަލް ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ބްރެންޓްފޯޑް ގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އާސެނަލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅުނު ނަމަވެސް ގިނަ ހަމަލާތައް އުފައްދާފައިވަނީ ބްރެންޓްފޯޑް އިންންވެ.

އާސެނަލް އިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ނޮނީ މަޑުއެކޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވަނީސް ކޯޗު އާޓެޓާ ވަނީ އޭނާ ބަދަލުކޮށްފަ އެވެ.

ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން ބްރެންޓްފޯޑްގެ ކީން ލެވިސް ޕޮޓަރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގަން އާސެނަލް އަށް ލިބުނު ފުރުސަތު އެ ޓީމަށް ވަނީ ގެއްލިފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން އާސެނަލް އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ވަނީ 53 ޕޮއިންޓު ލިބިފަ އެވެ.

ބްރެންޓްފޯޑް އަށް ލިބިފައިވާ 40 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ.