ޚަބަރު

އަންނަ އަހަރު ބީއެމްއެލް އިން ބިލިއާޑް މުބާރާތަށް މާ ބޮޑަށް ތައްޔާރުވާނެ


  • ބީއެމްއެލްވަނީ ފައިނަލްގައި ވާދަކޮށް ދެވަނަ ހޯދާފަ

  • އަންނަ އަހަރު އިތުރު މަސައްކަތް ކުރާނެ

ރަނަރަޕްކަން ލިބުނު ނަމަވެސް ދެން އަންނަ އަހަރަކަށް މިއަށްވުރެ ރަނގަޅަށް ބީއެމްއެލްއިން މަސައްކަތް ކުރާނެ ކަމަށް 13 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ރަނަރަޕް ޓީމު، ޔުނައިޑެޓް ބީއެމްއެމްއިން ބުނެފިއެވެ.

މާލެ ޕޫލް ބިލިއާޑް ހޯލުގައި ފެބުރުއަރީ 3-10 ގެ ނިޔަލަށް ކުރިޔަށްދިޔަ މުބާރާތުގެ ޓީމު އިވެންޓުގައި ބީއެމްއެލް އަތުން 2-1 ފްރޭމުން ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީ) އެވެ.

13 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޔުނައިޑެޓް ބީއެމްއެލްގެ ރައީސް އިސްމާއިލް ފަޒީލް ބުނީ މިބާރާތުގެ ރަނަރަޕްކަން ލިބުނު ނަމަވެސް މިވަރުގެ ކާމިޔާބީއެއް ހޯދުމުން ވަރަށް އުފާކުރާ ކަމަށެވެ.

އޭނާ ބުނީ ބީއެމްއެލްގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭކަމަށާއި މި ކުޅިވަރުގެ ތެރެއަށް ވީހާވެސް ގިނަ ކުދިން ވެއްދުމަށް މަސައްކަތް ކުރާކަމަށެވެ. އޮފީހުގައި ބިލިއާޑް މޭޒެއް ބަހައްޓައިގެން މުބާރާތަށް ތައްޔާރުވިކަންވެސް އޭނާ ފާހަގަ ކުރިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން މި މުބާރާތް ކުރިޔަށް ގެންދިޔަ ގޮތާއި ދޭތެރޭގައި ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ފަޒީލް ބުންޏެވެ. ހުރިހާ އިންތިޒާމުތަކެއްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އެނާ ފާހަގަކުރިއެވެ.

ބީއެމްއެލްއިން ބޭރު ތިން ކުޅުންތެރިންނާއެކު ޓީމު އެކުލަވާލައިގެން ނިކުމެ ރަނަރަޕްކަން ހޯދިއިރު އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އެޓީމުގެ ފާތިމަތު ރައުފާ މުހައްމަދު ހާފިޒެވެ. އަދި އަންހެން ސިންގަލްސްގެ ރަނަރަޕްކަން ހޯދީވެސް ބީއެމްއެލްގެ ކުޅުންތެރިއެކެވެ. އެއީ ފާތިމަތ ޝަމްނާ ޝަމޫންއެވެ.

މުބާރާތުގެ ރަނަރަޕް ޓީމަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ. މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ބީއެމްއެލް، ރައީސް އޮފީސް، އެމްއައިބީ، ސްޓެލްކޯ، އެމްއެންޑީއެފް، އެމްޑަބްލިއުއެސްސީ، ޓީއެމްއޭ، ސީއާރްސީ، އެމްޕީއެލް، އެސްޓީއޯ، ދިރާގު އަދި ސްޓެލްކޯއެވެ.