ދުނިޔެ

ދެކުނު ސޫދާނުން ހިޖުރަކުރާ ރެފިއުޖީންގެ އަދަދު މިލިއަނަކަށް


ދެކުނު ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި ގުޅިގެން އެޤައުމު ދޫކޮށް ހިޖުރަކޮށްފައިވާ ރެފިއުޖީންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އދ.ގެ ރެފިއުޖީންނާއިބެހޭ އިދާރާ ޔޫ.އެން.އެޗް.ސީ.އާރުން ހާމަކޮށްފިއެވެ.

މިދިޔަ ޖުލައި މަހު އެ ޤައުމުގެ ދާޚިލީ ހަނގުރާމަ އިތުރަށް ހޫނުވުމާއި ގުޅިގެން، އެތައް ހާސް ބަޔަކު އެ މީހުންގެ އަމިއްލަ ވަޒަން ދޫކޮށް، އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. ޖުލައި މަހު އެކަނިވެސް، އެޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރި މީހުންގެ އަދަދު 185,000 އަށް އަރާކަމަށް އަންދާާޒާ ކުރެވެއެވެ.

އަދި، ދެކުނު ސޫދާނުގެ ދާޚިލީ ހަނގުރާމައާއި ގުޅިގެން އެޤައުމުގައި ޙާލުގައި ޖެހި، ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 1.6 މިލިއަނަށް އަރާކަމަށްވެސް އެ ފަރާތުން ބުނެއެވެ. މީގެ މާނައަކީ، 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް އެޤައުމުގެ އާބާދީގެ 20 އިންސައްތަ މީހުން ގެދޮރު ނެތި، ރެފިއުޖީންނަށް ވެފައިވާކަމެވެ.

ދެކުނު ސޫދާންގެ ރެފިޔުޖީން މިވަގުތު އެންމެ ގިނަ އަދަދަކަށް ދިރިއުޅެމުންދަނީ އަވަށްޓެރި ޔޫގާންޑާގައެވެ. މީގެ އިތުރުން، އެތިއޯޕިއާ، ސޫދާން، ކެންޔާ އަދި ކޮންގޯގައިވެސް ދެކުނު ސޫދާންގެ އެތައް ހާސް ރެފިޔުޖީންނެއް މި ވަގުތު ރައްކާތެރިކަން ހޯދަމުންދެއެވެ.