ދުނިޔެ

ޕާކިސްތާނުގައި ދިން ޙަމަލާއެއްގައި 23 މީހުން މަރުވެއްޖެ


ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ރަށެއްގައި، މިސްކިތަކަށް ޢަމާޒުކޮށް ދިން ބޮމުގެ ޙަމަލާއެއްގައި 23 މީހުން މަރުވެއްޖެއެވެ.

ޕެޝާވަރުގެ އުތުރުން އޮންނަ ރަށެއްކަމަށްވާ މޮހްމާންދް އެޖެންސީގައި، ހުކުރު ވަގުތާއި ދިމާކޮށް ދިން މި ޙަމަލާގައި އިތުރު 40 މީހަކު ޒަޚަމްވިއެވެ. މިއީ، އެ ސަރަޙައްދުގެ ދީނީ ލީޑަރުންނަށް ޢަމާޒުކޮށް، ޓެރެރިސްޓް ޖަމާޢަތެއްކަމަށްވާ ތާލިބާނުންނަށް ނިސްބަތްވާ ޖަމާޢަތުލް-އަހްރާރު ނަމަކަށް ކިޔާ ޖަމާާޢަތަކުން ދީފައިވާ ޙަމަލާއެއްކަމަށް ބެލެވޭކަަމަށް އެ ސަރަޙައްދުގެ ޢަމަން ބަލަހައްޓާ ފަރާތްތަކުން ބުނެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން އެ ސަރަޙައްދުގެ ޢަމަން ބެލެހެއްޓުމުގެ މަސައްކަތާއި ޙަވާލުވެފައިވަނީ 2014 ވަނަ އަހަރުއެވެ. ނަމަވެސް، އެ ސަރަޙައްދުގައި ތާލިބާނުންނަށް ވަފާތެރި ހަތިޔާރު އެޅި ޖަމާޢަތްތަކުން އަދިވެސް ހަރަކާތްތެރިވެއެވެ.

މި ހާދިސާއާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްވަނީ މި ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި، ޓެރެރިޒަމާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރައްވަން ވަޢުދުވެ ވަޑައިގެންނެވިއެވެ.

ޖަމާޢަތުލް-އަހްރާރަކީ، މީގެ ކުރިންވެސް މިފަދަ ޢަމަލުތައް ހިންގާފައިވާ ޖަމާޢަތެކެވެ. އެ ޖަމާޢަތުގެ ޓެރެރިސްޓުން އޮގަސްޓު މަހު ދިން މިފަދަ ޙަމަލާއެއްގައި 70 މީހުން މަރުވިއެވެ.