ތަޢުލީމު

ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ 16 މަޝްރޫޢެއް ނިމިއްޖެ


ރާއްޖޭގެ ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރެއްވުމަށް މިދިޔަ އަހަރު ފެއްޓެވި މަޝްރޫޢުތަކުގެ ތެރެއިން 16 މަޝްރޫޢެއް މިއަހަރުގެ މިހާތަނަށް ނިމިއްޖެއެވެ. ރާއްޖޭގެ ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ހިންގަވާ މަޝްރޫޢުތަކުގެތެރެއިން ގާތްގަނޑަކަށް 26 މަޝްރޫޢު މިއަހަރު ނިމޭނެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ލަފާކުރައްވައެވެ.

މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކަކީ ވަޞީލަތް ހަމަ، ޖާގައިގެ ގޮތުން ތަނަވަސް ސްކޫލަކަށް ހެއްދެވުމަށް ސަރުކާރުން ގެންދަވަނީ އެއްފަހަރާ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެތެރޭގައި ޖާގައިގެ ދަތިކަން ހުރި ސްކޫލްތަކަށް އިތުރު ކުލާސްރޫމް އަޅުއްވައިދެއްވުމުގެ މަސައްކަތްވެސް ހިމެނެއެވެ. ސްކޫލްތައް ޢިމާރާތްކުރެއްވުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތަކީ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭ ވަރުގެ މަސައްކަތްތަކެއް ނޫންކަމަށާއި، ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ތަކެތި ލިބުމުގެ ދަތިތައް ހުރުމުގެ ސަބަބުން މަސައްކަތް ނުފެށި ލަސްވާކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކުގެ ތަރައްޤީއަށް ހިންގަވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ފެށި، މަސައްކަތް ކުރިޔަށްދާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސްކޫލްތަކުގެ މަސައްކަތް ހިނގާނުހިގާ ގޮތް ވަރަށް ގާތުން ބައްލަވައި މޮނިޓަރ ކުރައްވަމުން ގެންދަވާކަމަށްވެސް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

ސްކޫލް އިމާރާތް ކުރެއްވުމުގައި ކަނޑައެޅިފައިވާ މުއްދަތައް ބައެއް މަސައްކަތްތައް ނިންމާނުލެވުނުކަމުގައި ވީނަމަވެސް، އެމިނިސްޓްރީން ހިންގަވާ ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތްތައް ކުރިޔަށްދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ފެށިގެންދާނެކަމަށްވެ އެމިނިސްޓްރީން ވިދާޅުވެއެވެ.