ޚަބަރު

ނަން އަނބުރާ ގެންދިޔައީ 32 ކެންޑިޑޭޓުން


  • 31 ފަރާތަކީ ޑަބްލިޔުޑީސީތަކަށް ވާދަކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުން

  • ކައުންސިލްތަކުން ނަން އަނބުރާ ގެންދިޔައީ 1 ކެންޑިޑޭޓެއް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިޔައީ 32 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މިއަދު ކުރިއަށްގެންގޮސްފައިވާއިރު، ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އޮތީ ނަން ތަރުތީބުކުރުމާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ ނަން އަނބުރާ ގެންދިއުމަށް އޮތް މުއްދަތުގައި ޖުމްލަ 32 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާކަމަށާއި، އޭގެ ތެރެއިން 31 ފަރާތަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ ކެންޑިޑޭޓުންކަމަށެވެ. ކައުންސިލްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދިޔައީ އެންމެ ކެންޑިޑޭޓެކެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހެޅި ނަމަވެސް ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ އަދަދު އުނިކުރުމުން މިއަދަދު 2962އަށް މަދުވާނެއެވެ.

ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަންއިން ރަސްމީކޮށް އިޢުލާނު ކުރާނީ ހޮނިހިރު ދުވަހުކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިފަހަރުގެ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.