އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން ހޯވް އަލްބިއޮންއާ ދެކޮޅަށް ކުޅެ، ނަސީބު އެހީތެރިވެ އެސްޓަން ވިލާ މޮޅުވެއްޖެއެވެ.
ލީގުގައި ރޭ އެސްޓަން ވިލާއިން އަމިއްލަ ދަނޑުގައި ކުޅެ ބްރައިޓަންގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ، އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މެޗުން މޮޅުވި ނަމަވެސް އެސްޓަން ވިލާއަށް އޮން ޓާގެޓަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. އެހެންނަމަވެސް އެ ޓީމުން ވަނީ މެޗުގައި ޖުމްލަ 11 ހަމަލާއެއް އުފައްދާފައެވެ.
އެއާ ހިލާފަށް މެޗުގައި އަށް ހަމަލާއެއް އުފެއްދި ބްރައިޓަން އިން ވަނީ އޮން ޓާގެޓަށް ފަސް ހަމަލާއެއް ފޮނުވާލާފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ، މެޗުގެ ފުރިހަމަވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށް އެސްޓަން ވިލާ އަށް ކާމިޔާބުކުރެވުނު ލަނޑެކެވެ. މިއީ ބްރައިޓަންގެ ޖެކް ހިންޝެލްވުޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިއީ ކޯނަރަކުން ނަގައިދިން ބޯޅައެއްގައި، ޓައިރޮން މިންގްސް ބޮލުން ފޮނުވާލި ބޯޅައެއް، ޖެކް ހިންޝެލްވުޑްގެ ބޮލުގައި ޖެހިފައި ގޮސް ގޯލުގެ ތެރެއަށް ވަދެގެން އެސްޓަން ވިލާއަށް ކާމިޔާބުކުރެވުނު ލަނޑކެވެ.
މި ނަތީޖާއާއެކު އެސްޓަން ވިލާ ތާވަލުގެ ތިންވަނައިގައި އޮތީ 26 މެޗުން 50 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް 53 ޕޮއިންޓު ލިބިފައިވާއިރު އެއްވަނައިގައި އާސެނަލް އޮތީ އެއް މެޗު މަދުން ކުޅެ 56 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ބްރައިޓަންއަށް، 26 މެޗުން ލިބުނު 31 ޕޮއިންޓާއެކު އޮތީ ތާވަލުގެ 14 ވަނައިގައެވެ.