ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ އިސް މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2025- 2027" ގެ ހަތަރުވަނަ ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވަވައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ކުރިޔަށްގެންދެވި މި ސެޝަނަކީ، ބަަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވެވި ދަރުހެކެވެ. މި ދަރުހުގައި، ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދުގެ ދަރުހުގައި ވާހަކަފުޅު ދެއްކެވީ، "އަންނާށޭ" މި މައުޟޫޢަށް، އައްޝައިޚް ޑޮކްޓަރ އިލްޔާސް ޙުސައިނެވެ. މި ދަރުހުގައި، މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް އަލިއަޅުއްވައި ލައްވާފައިވެއެވެ. އޭގެ ތެރޭގައި ރަމަޟާންމަހުގެ މާތްކަމާއި، މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާ ކުރުމުގެ މުހިންމު ކަމާއި، ރަމަޟާންމަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމާއި، އަދި ރަމަޟާން މަސް އައުމުން އުޅުމާއި ގުޅުންތައް ބަދަލު ކުރުމުގެ މުހިންމުކަން ހިމެނެއެވެ.
ޑޮކްޓަރ އިލްޔާސްގެ ދަރުހުގައި ވަނީ، ރަމަޟާން މަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ، އިންސާނުންގެ މައްޗަށް ޢާންމު ކުރައްވާފައިވާ ރަޙްމަތާއި، މަޣްފިރަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރޯދަ ފަރުޟު ކުރެއްވުމުގެ ބޭނުން ކަމަށްވާ، ތަޤުވާވެރިވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ޑޮކްޓަރ އިލްޔާސްގެ ދަރުހުގައި ބައްލަވާލައްވާފައިވެއެވެ. އަދި ރޯދައިގެ އެންމެ ފުރިހަމަ ޘަވާބު ޙާސިލު ކުރުމަށްޓަކައި، މުޅި ހަށިގަނޑުން ރޯދަ ހިފަން ޖެހޭނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. ރޯދަ މަހަކީ، ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވާތީ، ގިނަ ގިނައިން ޤުރްއާން ކިޔެވުމާ ރޭ އަޅުކަމުގައި ވަގުތު ހޭދަކުރުމުގެ މައްޗަށްވެސް ޑޮކްޓަރ އިލްޔާސް ދަރުހުގައި ބައްލަވާލެއްވިއެވެ.
ދަރުސް ނިންމަވާލައްވަމުން ޝައިޚް އިލްޔާސް ވަނީ، ޢަމަލުތައް ﷲ ޤަބޫލު ކުރެއްވުމަށްޓަކައި، ތިމާކުރާ އަމަލުތަކުގައި، ތެދުވެރިކަމާ، އަމާނާތްތެރިކަމާ، އިޚްލާސްތެރިކަން ހިމެނުމަކީ، ކޮންމެހެންވެސް ލާޒިމު ކަމެއް ކަމުގައި ވިދާޅުވެފައެވެ. ހަމަ އެފަދައިން ރަމަޟާން މަހުގައި، އިޚްލާސްތެރި ކަމާއެކު ހެޔޮ ޢަމަލުތައް ކޮށްފިނަމަ، އަހަރުގެ ބާކީ އަނެއް 11 މަސްދުވަހު، ތިމާގެ ޢަމަލުތައް އިސްލާޙް ވާނެ ކަމުގައި ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
ދަރުސަށްފަހު، ޝައިޚް އިލްޔާސަށް ހަނދާނީ ލިޔުމެއް އަރުވާފައިވެއެވެ. މި ލިޔުން ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފެވެ.
ދައުލަތުގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއަރޒް އޮފީސް (ޕީ.އޭ.އޯ)ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް (ޕީ.އޭ.ޕީ.އެމް) ޔުނިޓުގެ އިސްނެންގެވުމުގެ މަތިން، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައްް ކުރިއަށްގެންދާ ޕުރޮގުރާމެކެވެ.