ޚަބަރު

ލޯ މެޑަލްއާއެކު ރާއްޖެ އައި ނެޓުބޯޅަ ޓީމަށް ހޫނު މަރުޙަބާއެއް


  • މުބާރާތުގެ ލޯ މެޑަލް ރާއްޖެއިން ހޯދީ ޖަޕާން ބަލިކޮށްގެން

  • މުބާރާތުގައި ބައިވެރިވީ ރާއްޖެއާއި ޖަޕާންގެ އިތުރުން ހޮންގކޮންގާއި މެލޭޝިޔާ

މެންސް އޭޝިއާ ކަޕް 2026 ގެ ލޯ މެޑަލް ހާސިލްކޮށް އެނބުރި ޤައުމަށް އައި ރާއްޖޭގެ ފިރިހެން ޤައުމީ ނެޓްބޯޅަ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ރާއްޖެއައި ނެޓްބޯޅަ ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލް ރައްޒާޤާއި ވުޒާރާގެ އިސް ވެރިންގެ އިތުރުން ނެޓްބޯޅަ އެސޯސިއޭޝަންގެ އިސް ވެރިންނެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގައި ފުރަތަމަ ފަހަރަށް ބޭއްވި ފިރިހެނުންނަށް ޚާއްސަ، އޭޝިއަން ކަޕް، މެންސް އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި ބައިވެރިވި ރާއްޖޭގެ ޤައުމީ ޓީމުން މުބާރާތުގެ ލޯ މެޑަލް ޙާޞިލްކުރިއިރު، މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވީ ހޮންގކޮންގާއި، ޖަޕާނާއި މެލޭޝިއާއެވެ. މުބާރާތް ބާއްވާފައިވަނީ ހޮންގކޮންގައި މި މަހުގެ ފަސްވަނަ ދުވަހުން އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އާ ވާދަކޮށް ރާއްޖެ ވަނީ ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ހޮންގކޮންގް އަތުންވެސް ވީ ބައްޔެވެ. އެހެންނަމަވެސް ތިންވަނަ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅެ ރާއްޖެ ވަނީ 18-24 އިން މޮޅުވެފައެވެ.

މިއާއެކު މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި އަނެއްކާވެސް ޖަޕާނާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހުނުއިރު އެ މެޗުން ރާއްޖެ މޮޅުވީ 21-28 އިންނެވެ.

މި މުބާރާތަށް ފުރުމުގެ ކުރިން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނެޓްބޯޅަ ޓީމުގެ މެނޭޖަރ މުޙައްމަދު ވަޙީދު ވަނީ، މި މުބާރާތަށް ދަނީ މެޑަލްއެއް ހޯދުމުގެ ވަރުގަދަ އަމާޒުގައިކަން ހާމަކޮށްފައެވެ.