ޚަބަރު

ވާދަވެރިކަން ބޮޑުވި ނިއުއާއި އޮޑީގެ ކުރިމަތިލުން އެއްވަރު


  • މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެން

  • މެޗުގައި ރެފްރީގެ ނިންމުންތަކާމެދު ދެ ޓީމުން ވެސް ހިތްހަމަނުޖެހުން ފާޅުކުރި

  • ނިއު އާއި އޮޑި ހިމެނެނީ ކްލަބް އީގަލްސްއާއެކު ގްރޫޕް 2 ގައި

ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާފައިވާއިރު، އަންގާރަ ދުވަހުގެރޭ ގްރޫޕް 2ގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުރޭޑިއަންޓުން ގިނަ ހަމަލާތަކެއް އުފައްދައި ލަނޑުޖަހަން މަސައްކަތްކޮށްފައިވާއިރު މި ހާފުގައި އޮޑިން ވެސް ވަނީ ނިއުގެ ގޯލަށް ނުރައްކާކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ނިއުރޭޑިއަންޓުންނެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅޭ ލައިބީރިއާގެ ޢަބްދުﷲ ޔާޔާ ބިލިޓީއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ނިއުއިން ދެވަނަ ހާފު ފެށިއިރު މި ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ، ރަނގަޅު ގިނަ ޙަމަލާތަކެއް އުފެއްދީ އޮޑިންނެވެ. ޚާއްސަ ގޮތެއްގައި މި ހާފުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އޮޑިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގެ ތެރޭގައެވެ.

ހުނަރުވެރި ކުޅުމަކާއެކު ނިއުރޭޑިއަންޓުގެ ޑިފެންޑަރުން ކައިރިން ނައްޓާލައި، ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު އޮޑިއަށް މި ލަނޑު ކާމިޔާބުކުރުމުގައި ބޮޑު އެހީއެއް ވެ ދިނީ މުޒްދާން ހަސަންއެވެ. މުޒްދާން އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި މި ލަނޑު ނިއުގެ ގޯލަށް ވަނީ އަޙްމަދު އިނާންގެ ފައިގައި ޖެހިފައި ބައިކޮޅަށެވެ.

މެޗުގެ ފަހުކޮޅު ދެ ޓީމުން ވެސް ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އޮޑީގެ ލަނޑަށްފަހު މުޖްދާން ވަނީ އިތުރު ފުރުސަތެއްގައި އޭރިއާ ތެރެއަށް ވަދެ ގޯލާ ދިމާލަށް ރަނގަޅު ބޯޅައެއް ފޮނުވާލާފައެވެ. ކައިރި ކަނަށް އަމާޒުކުރި މި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ ނިއުގެ ގޯލްކީޕަރު ފައިސަލްއެވެ.

އެފަހުން ނިއުގެ ބިދޭސީ ފޯވާޑް، އަލްހާޖީ ގެރޯ، އޭރިއާ ތެރޭގައި ހުރެފައި ބޮލުން ފޮނުވާލި ބާރު ހަމަލާއެއް، ގޯލުގެ ކަނަށް ވަންނަން ދަނިކޮށް، އޮޑީގެ ކީޕަރު މުޙައްމަދު ޝަފީއު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށް، ބޯޅަ ބޭރަށް ފޮނުވާލާފައެވެ.

މުޅި މެޗަށް ބަލާލާއިރު، ރެފްރީ މެޗުގައި ނިންމި ބައެއް ނިންމުންތަކާމެދު ކުޅުންތެރިންނާއި ދެ ޓީމުގެ އޮފިޝަލުން ވެސް އަދި ސަޕޯޓަރުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ނިއުގެ ސަޕޯޓަރުން ވަނީ މެޗަށްފަހު ވެސް، ރެފްރީގެ ނިންމުންތަކާ ގުޅިގެން ރެފްރީންނާ ދެކޮޅަށް އަޑު އުފުލާފައެވެ.

ޕްރެޒިޑެންޓްސް ކަޕުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ނިއުއާއި މުޅިން އަލަށް މުބާރާތުގައި ކުޅޭ އޮޑީގެ ކުރިމަތިލުން އެއްވަރުވިއިރު، މި ދެ ޓީމު ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ކްލަބް އީގަލްސްއެވެ. ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއުއާއި އީގަލްސްއެވެ.