ބްރެޒިލްގެ ފޯވަޑް ނޭމާ ސަންޓޯސް އަށް ވޯލްޑް ކަޕަށްދާ ގައުމީ ޓީމުން ޖާގަ ނުލިބިއްޖެނަމަ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް ބެލެވިއްޖެ އެވެ.
ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާއާ ހަވާލާދީ ބްރެޒިލްގެ މީޑިއާތަކުން ބުނަނީ ކުޅުންތެރިޔާގެ ކުރިމަގު އޮތީ ކޯޗު ކާލޯ އަންޗެލޯޓީގެ އަތްމަތީގައި ކަމަށެވެ.
އުމުރުން މިހާރު 33 އަހަރުގެ ފޯވަޑް މިވަގުތު ބޭނުންވާ ހަމައެކަނި ކަމަކީ ވޯލްޑް ކަޕަށްދާ ޓީމުގައި ހިމެނިގެން ބްރެޒިލަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމެވެ. މިހާތަނަށް ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އަދި މުބާރާތުގެ އެންމެ ކާމިޔާބު ބްރެޒިލްގެ އަމާޒަކީ ހަ ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.
މި އުއްމީދުގައި ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗަށް ގައުމީ ކޯޗުކަން ހަވާލުކޮށްފައިވާއިރު އަންޗެލޯޓީ ބުނެފައިވަނީ ޓީމަށް ނަގާނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން ކަމަށެވެ.
ނޭމާ އަށް އޮތް އެންމެ ބޮޑު ޖޮން ޖެހުމަކީ އަނިޔާގެ މައްސަލަ އެވެ. ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ފަހުން އަދި އޭގެ ފަހުން ސައޫދީ އަރަބިއާގެ އަލް ހިލާލް އާއި މިހާރު ކުރީގެ ކުލަބު ބްރެޒިލްގެ ސަންޓޯސްގައި ވެސް އޭނާ އަށް ދިމާވާ މައްސަލަ އަކީ ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވުމެވެ. ހުސްވި ސީޒަނަށް ފަހު މިހާރު ވެސް އޭނާ ދަނީ ކަކުލިގެ އަނިޔާ އަކަށް ފަރުވާ ހޯދަމުންނެވެ. އޭނާ އަށް އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ ވެސް 2023 ވަނަ އަހަރު އެވެ.
ނޭމާ މިހާރު ވެސް މުޅިން ފިޓް ނުވާއިރު އޭނާ އަށް ވުރެ ޒުވާން ކުޅުންތެރިން ދަނީ ގައުމީ ޓީމުން ޖާގަ ހޯދުމަށް ފިޓްކޮށް ތިބެ ވަރަށް ބޮޑަށް ވާން ކުރަމުންނެވެ. އޭގެ ތެރޭގައި ލޯނު އުސޫލުން ފްރާންސްގެ ލިއޯން އަށް ކުޅެމުން އަންނަ 21 އަހަރުގެ ފޯވަޑް އެންޑްރިކް ހިމެނެ އެވެ. ރެއާލް މެޑްރިޑާއި ބްރެޒިލްގެ ގައުމީ ޓީމުން އަލުން ޖާގަ ހޯދުމަށް އޭނާ ދަނީ ލިއޯންގައި މޮޅަށް ކުޅެމުންނެވެ.
އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ބާއްވާ މުބާރާތަށް އަންޗެލޯޓީ ނަގާ ޓީމުގައި ނުވަ އެޓޭކިން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.