ކުޅިވަރު

ޣައްޒާގައި ފުޓްބޯޅަ ކުޅެން ފަށައިފި، އުފާވެރިކަން ފުރިހަމައެއް ނޫން!


އިޒްރޭލުގެ އުދުވާންތަކުގައި ސުންނާފެތިވެފައިވާ ފަލަސްތީނުގެ ޣައްޒާގައި އަލުން ފުޓްބޯޅަ މުބާރާތްތައް ކުޅެން ފަށައިފި އެވެ.

ފައިވް އަ ސައިޑް މުބާރާތް ކުޅެން މިނީ ސައިޒްގެ ދަނޑެއް ހެދީ ސުންނާފެތިވެފައިވާ އިމާރާތްތަކުގެ މެދުގައި ބިން ސާފު ކޮށްގެންނެވެ. ދަނޑުގައި އެޅީ އިޒްރޭލުން ހަލާކުކޮށްލި 9000 މީހުންގެ ސްޓޭޑިއަމް ކަމަށްވާ ޔާމޯކް ސްޓޭޑިއަމުގައި ހުރި ޓާފްތަކުގެ ތެރެއިން ހަލާކު ނުވެހުރި ޓާފްކޮޅުތައް ގެނެސް ގުޅުވައިގެންނެވެ. ކުރީގެ ސްޓޭޑިއަމް ހުރިތަން މިހާރު ބޭނުން ކުރަނީ ވަގުތީ ފަރުވާ ދޭ ތަނެއްގެ ގޮތުގަ އެވެ.

ގާތްގަނޑަކަށް ދެ އަހަރު ފަހުން ޣައްޒާގައި ބާއްވަން ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ޖަބަލިއާ ޔޫތާއި އަލް ސަދަގާ ބައްދަލު ކުރި މެޗު ވީ އެއްވަރެވެ. ފަސް ދުވަހުގެ މުބާރާތުގެ ދެ ވަނަ މެޗުގައި ކުޅުނީ ބެއިތް ހަނޫން އާއި އަލް ޝުޖައިޔާ އެވެ.

މުބާރާތް ކުޅެން ފެށި ނަމަވެސް ސަޕޯޓަރުން ތިބީ އެންމެ ފުރިހަމަ އަށް އުފާވެފައެއް ނޫނެވެ. އެއްބަޔަކު މެޗު ބެލީ ހަލާކުވެފައިވާ އިމާރާތްތަކުގެ ނުވެއްޓި ހުރި ފާރުބުރިތަކުގެ މައްޗަށާއި ކުޑަކުޑަ ބެލްކަނީތަކަށް އަރައެވެ. އަނެއް ބަޔަކު ދަނޑުގެ ވަށައިގެން ހުރި ފެންސްތަކުގެ މަތީގަ އެވެ. އަނެއް ބަޔަކު ބިންމަތީގައި ތަރުތީބެއްނެތި ކޮޅަށް ތިބެގެން މެޗު ބެލީ ދަނޑު ވަށައިގެން ޖަހާފައި ހުރި ދާގަނޑުތަކުގައި ހުރި އެކި ވަރުވަރުގެ ބާތަކުގެ ތެރެއިންނެވެ.

"ހަނދާނެ ގޮތެއް ނޭނގިފައި މި ހުންނަނީ. އުފާވެސްވޭ، ދެރަވެސްވޭ، ހިތްހަމަ ޖެހޭ،" ގަބަލިއާގެ 21 އަހަރުގެ ކުޅުންތެރިޔާ ޔޫސުފް ޖެންދިޔާ އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.

ޣައްޒާގެ އާބާދީގެ ބޮޑުބައެއް އިޒްރޭލުގެ އުދުވާނުގެ ސަބަބުން އެކި ހިސާބުތަކަށް ގޮސްފައިވުމާއި އެތައް ބަޔަކު ގެއްލި، މަރުވެފައިވުމާއެކު ޔޫސުފް ބުނީ ފުޓްބޯޅަ އަކީ މިވަގުތަށް އެންމެނަށް ވެސް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ހެނދުނު މީހުން ހޭލަމޭލަ އުޅެނީ ބޯފެނާއި ކާބޯތަކެތި ހޯދަން. ދިރިއުޅުން ވަރަށް ދަތި. އެކަމަކު ދުވަހުން ބައެއް މި ދަނީ ފުޓްބޯޅަ އަށް. މިތަނަށް އައިސް ފުޓްބޯޅަ ކުޅެލެވުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވޭ. މި ދަނޑަށް މި އަންނަނީ އަހަރުމެންގެ ޓީމުގެ އެތައް ކުޅުންތެރިންނެއް ނެތި. އެއްބަޔަކު މަރުވެއްޖެ، އަނެއް ބަޔަކަށް އަނިޔާވެއްޖެ، އަނެއް ބަޔަކު ފަރުވާ އަށް އެކިތަންތަނަށް ވަނީ ގޮސްފައި. މިހެންވެ އުފާވެރިކަން ފުރިހަމަ އެއް ނޫން،" ޔޫސުފް ބުންޏެވެ.

އިޒްރޭލުން ހަނގުރާމަ ހުއްޓާލިތާ ހަތަރު މަސް ފަހުން ނަމަވެސް ޣައްޒާގައި އަދިވެސް ބިނާކުރުވަނިވި މަސައްކަތެއް ނެތެވެ. މިހާރު ކުރިއަށްދާ މުބާރާތަކީ ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ރޭވި މުބާރާތެކެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުން ދެނީ ގުޅިފައިވާ މެސެޖެކެވެ. ބިން ހަނޫންގެ 31 އަހަރުގެ ކުޅުންތެރިޔާ އަމްޖަދު އަބޫ އަވްދާ ބުނީ (މާޒީގައި) ހަނގުރާމައިގެ ސަބަބުން ކޮންމެ ގޮތެއް ވެފައިވީ ނަމަވެސް އަހަރުމެންގެ ދިރިއުޅުމާއި ކުޅުން ކުރިއަށް ގެންދާނަން،" ކަމަށެވެ.