ކުޅިވަރު

ކޮންމެ ޑްރޯ އަކީ ބައްޔެއް، ލިވަޕޫލްގެ ފެންވަރުގައި ނުކުޅެވޭ: ކޯޗު


ލިވަޕޫލަށް މި ސީޒަނުގައި އެ ޓީމުން ހަގީގީ ފެންވަރުގައި ނުކުޅެވޭ ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.

ޕްރެމިއާ ލީގުގައި މިރޭ ސަންޑަލޭންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ކޯޗު ބުނީ މި ސީޒަނުގައި ނަތީޖާ ދަށްވެފައިވަނީ ވެސް ރަނގަޅަށް ނުކުޅެވިގެން ކަމަށެވެ. އެންމެ ފަހުގެ ޗެމްޕިއަން މިވަގުތު އޮތީ އެއްވަނާގައިވާ އާސެނަލް އަށްވުރެ 17 ޕޮއިންޓް ފަހަތުން ޓޭބަލުގެ ހަ ވަނާގަ އެވެ.

"ކޮންމެ އެއްވަރު ވުމެއް އިހުސާސް ކުރެވެނީ ބަލިވުމެއް ފަދައިން. މިއީ ކުޅުންތެރިންނަށް ވެސް ގަބޫލު ކުރެވޭ ކަމެއްނޫން. ލިވަޕޫލްގެ ހަގީގީ ފެންވަރު ކަމުގައި އެ މީހުންނަށް މިކަން ބަލައި ނުގަނެވޭ. މީގެ ސަބަބުން ދެރަވޭ ކުޅުންތެރިން ވެސް. ކޮންމެ މެޗަށް ވެސް ނުކުންނަނީ މެޗުން މޮޅުވެވޭނެ ކަމުގެ އުއްމީދުގައި. އެކަމަކު އެކަމެއް ނުވޭ. ކުޅުންތެރިންނަށް މިހާރު އިހުސާސް ކުރެވެނީ ކޮންމެ ޓީމަކާ ޖެހުނަސް އެ މީހުންނަށް ލިވަޕޫލްގެ ފެންވަރުގައި ނުކުޅެވޭކަން،" ކޯޗު ބުންޏެވެ.

ހުސްވި ސީޒަނުގައި ޓީމާ ހަވާލުވި ކޯޗު ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ވެސް އެންމެ އުނދަގޫ ސީޒަން ކަމަށެވެ.

"މޭލެއްހާ ދުރުގައި ހުރެފައި ވެސް ތިހެން ބުނެވިދާނެ. ޖެހިޖެހިގެން ދެ މެޗުން ބަލިވި ހަނދާނެއް އަހަރެން ނުވޭ މީގެ ކުރިއަކުން. އަހަރުމެންގެ ޓީމަށް ބަލާއިރު ކޮންމެ ލީގެއްގެ ކޮންމެ ޓީމަކާ ވެސް ވާދަ ކުރެވިދާނެ ފަދަ ސްކޮޑެއް އޮތީ. އެކަމަކު އެފަދަ ޕާފޯމަންސެއް ނުދެއްކޭ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ސަންޑަލޭންޑާ ދެކޮޅަށް ކުޅޭ މެޗު ހީނުކުރާހާ އުނދަގޫވާނެ ކަމަށެވެ. ސަބަބަކީ އެ ޓީމު މި ސީޒަނުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލްއާ ދެކޮޅަށް ވެސް މޮޅު ކުޅުމެއް ދައްކާފައިވާތީ ކަމަށެވެ.