ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ފަލަސްޠީންގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާއްމުގައި، ހަށިގަނޑު ވިރިގެން ފައިބާފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކުރިކަން ހާމަވެއްޖެއެވެ.
މިގޮތުން، 2024ވަނަ އަހަރުގެ އޯގަސްޓު މަހު ޣައްޒާގައި ހުންނަ ސްކޫލަކަށް ޔަހޫދީން ދިން ލާއިންސާނީ ޙަމަލާއެއްގައި އެ ޒާތުގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނާ ޙަވާލާދީ އަލްޖަޒީރާ ނޫހުގައި ބުނެފައިވެއެވެ.
އެ ޙަމަލާގައި ޝަހީދުވި މީހުންގެ ހަށިތައް އެކީގައި ވިރިގެން ފައިބާވާ ކަމަށާއި، މުޅި ތަނުގައި އޮތީ ލެއާއި އެކީގައި ވިރިފައިވާ ހަށިގަނޑުގެ ބައިތައް ކަމަށް އެ މީހުން ބުނެފައިވެއެވެ.
އޮކްޓޯބަރު 2023ގައި ޣައްޒާގައި ޢުދުވާނުތައް ފެށިފަހުން، 72،000އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، އޭގެތެރެއިން 2،800 މީހުން ޝަހީދުވެފައިވަނީ އެ ނުރައްކާތެރި ހަތިޔާރުގެ ޝިކާރައަކަށްވެގެން ކަމަށް އަލްޖަޒީރާ ނޫހުން ހިންގި ތަޙުޤީގެއްގައި ބުންޏެވެ.
އެ ރިޕޯޓު ޝާއިޢުކޮށްފައިވަނީ، ޝަހީދުންގެ ހަށިތައް އެކީގައި ވިރިފައިވާކަމަށް ބުނެފައިވާ ޙާދިސާތަކުގެ މައްޗަށް ޣައްޒާގެ މަދަނީ ދިފާޢީ އިދާރާއިން ދީފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.
މި ކަމުގެ މާހިރުން ވިދާޅުވި ގޮތުގައި، އެ މީހުން ޢަމާޒުކޮށް ޔަހޫދީން ބޭނުންކޮށްފައިވަނީ ތަރމަލް ނުވަތަ ތަރމަބެރިކް ބޮމެވެ. އެއީ 3،500 ޑިގްރީ ސެލްސިއަސްގެ ހޫނުމިން އުފައްދާ ޒާތުގެ ބޮމެކެވެ.
ތަރުޖަމާނު މަޙްމޫދު ބަޞަލް ވިދާޅުވި ގޮތުގައި، އެ އިދާރާއިން އެ މަޢުލޫމާތު އެއްކޮށްފައިވަނީ ޔަހޫދީން ޙަމަލާދޭ ތަންތަނަށް ގޮސް ކޮށްފައިވާ ތަޙުޤީޤުތަކުންނެވެ.
ރަޝިޔާގެ އަސްކަރީ ތަޖުރިބާކާރަކު އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، ތަރމަލް ބޮމުގެ ހޫނުމިން މަތިކޮށް، ގިނަ ވަގުތު ހިފެހެއްޓުމަށްޓަކައި އެލުމީނިއަމް، މެގްނީޒިއަމް އަދި ޓައިޓޭނިއަމް ފަދަ ކެމިކަލްތައް އެއްކުރެއެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާގެ ޑިރެކްޓަރު ޑރ. މުނީރު އަލް ބުރްޝް ވިދާޅުވީ، ހަށިގަނޑުގައި 80 އިންސައްތައާ ހަމައަށް ފެން ހުންނައިރު، އެފަދަ ގަދަ ހޫނަކަށް ހަށިގަނޑު ހުށަހެޅުމުން، މުޅި ހަށިގަނޑުގެ އެތެރެއިން ކެކި، ގުނަވަންތަކާއެކު މުޅި ހަށިގަނޑު އެތެރެއިން ވިރިގެން ފައިބަނީއެވެ.
ޣައްޒާގެ ޢުދުވާނުގައި ފަނާކުރަނިވި، މަނާކޮށްފައިވާ އެކި ޒާތުގެ ނުރައްކާތެރި ކެމިކަލް ހަތިޔާރު ބޭނުންކުރާކަމުގެ ކަންބޮޑުވުން މީގެކުރިން ވެސް ފާޅުކޮށްފައިވެއެވެ.
ނަމަވެސް، އެކަމާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ދައުލަތާ ދެކޮޅަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އަދި މިކަމުގެ ޒިންމާ ޔަހޫދީންނަށް މިފަދަ ހަތިޔާރު ފޯރުކޮށްދޭ އެމެރިކާ ފަދަ ހުޅަނގުގެ ބޮޑެތި ބައެއް ޤައުމުތަކުން ނަގަންޖެހޭކަމަށް ވެސް އިންސާނީ ޙައްޤުތަކަށް ވަކާލުކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ދަނީ ބުނަމުންނެވެ.