ޚަބަރު

ލެވަންޑޮސްކީ ގެންނަން ޗިކާގޯ ފަޔަރގެ މަސައްކަތް ވަރުގަދަކޮށްފި


  • ބާސެލޯނާއާއެކު ލެވަންޑޮސްކީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ ޖޫން މަހު

  • ރިޕޯޓުތައް ބުނާގޮތުން ލެވަންޑޮސްކީ ޗިކާގޯއަށް ބަދަލު ވުމުގެ ފުރުސަތު ބޮޑު

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ޕޮލެންޑުގެ ކެޕްޓަން އަދި ތަރި، ރޮބާޓް ލެވަންޑޮސްކީގެ ސޮއި ހޯދަން، އެމެރިކާގެ އެމްއެލްއެސްގައި ކުޅޭ ޗިކާގޯ ފަޔަރ އިން ކުރަމުން އަންނަ މަސައްކަތް ވަރުގަދަކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޗިކާގޯއިން މިހާރު ވަނީ ރަސްމީ ހުށަހެޅުމެއް ލެވަންޑޮސްކީއަށް ހުށަހަޅާފައެވެ. ފާއިތުވީ ދުވަސްތަކުގައި ކުރިއަށްދިޔައީ ނުރަސްމީ މަޝްވަރާތަކެކެވެ.

އެހެންނަމަވެސް އެ މަޝްވަރާތަކުގައި ވެސް، ލެވަންޑޮސްކީގެ ނިންމުންތަކަށް ބާރުފޯރުވޭ ވަރުގެ ގާތް ފަރާތްތައް ބައިވެރިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާއާއެކު ލެވަންޑޮސްކީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޗިކާގޯއިން މަޑުކުރަނީ، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ހިލޭ ޓްރާންސްފަރ އެއްގައި ލެވަންޑޮސްކީ ގެންނާށެވެ.

ލެވަންޑޮސްކީ ހޯދަން ކުރާ މަސައްކަތުގައި އެ ކުލަބުން އަންނަނީ ތަފާތު އުކުޅުތައް ބޭނުންކުރަމުންނެވެ. އެގޮތުން ޗިކާގޯއާއި ޕޮލެންޑާ ދެމެދު އޮތް ގުޅުމުގެ ވާހަކަތައް، މަޝްވަރާތަކުގައި ވަރަށް ގަދައަށް ދެކެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ޚާއްސަ ގޮތެއްގައި، ޗިކާގޯއަކީ، އެމެރިކާގެ ސިޓީތަކުގެ ތެރެއިން، އެންމެ ގިނައަދަދެއްގެ ޕޮލިޝް އާއިލާތައް ދިރިއުޅޭ ސިޓީކަން ވަރަށް ބޮޑަށް، މި މަޝްވަރާތަކުގައި ފާހަގަކޮށްފައިވާއިރު، މީގެކުރިން ވެސް އެ ޓީމަށް ޕޮލެންޑުގެ ކުޅުންތެރިން ކުޅެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ލެވަންޑޮސްކީގެ އަންހެނުން، ވެސް ވަނީ، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޗިކާގޯއަށް ގޮސް، އެ ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދުތައް ބަލައިފައެވެ. އެހެންކަމުން ލެވަންޑޮސްކީ އެ ޓީމާ ގުޅުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 38 އަހަރުގެ ރޮބާޓް ލެވަންޑޮސްކީ އޭނާގެ މިހާރުގެ ކުލަބު، ބާސެލޯނާއާ ގުޅުނީ 2022 ވަނަ އަހަރުއެވެ. އޭގެކުރިން އޭނާ ކުޅުނީ ޖަރުމަނުގެ ބަޔާން މިއުނިކަށާއި ބޮރޫޝިއާ ޑޯޓްމަންޑަށެވެ.

ލެވަންޑޮސްކީއަކީ މިހާރު ވެސް ކުޅޭ ކުޅުންތެރިންގެ ތެރެއިން، ތިންވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. ލެވަންޑޮސްކީއަށް ވުރެ ގިނައިން ލަނޑުޖަހާފައިވާ ދެ ކުޅުންތެރިންނަކީ މި ލިސްޓުގެ އެއްވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ދެވަނައިގައި އޮތް ލިއޮނެލް މެސީއެވެ.