ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް، ސައުދީ އަރަބިއްޔާގެ ފުޓުބޯޅަ ލީގުން ދޭންޖެހޭ އިޚްތިރާމް ނުދޭކަމަށް ބުނެ، ރެއާލް މެޑްރިޑާއި ޖަރުމަނުގެ ފުޓުބޯޅަ ލެޖެންޑް ޓޮނީ ކްރޫޒް ވަރުގަދަ އިންޒާރެއް ސައުދީ ލީގަށް ދީފިއެވެ.
ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރު ވަރުގަދަކުރަން ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން އެކަށީގެންވާ ވަރަށް ޚަރަދު ނުކޮށް، ވާދަވެރި އަލް ހިލާލަށް ބޮޑު ޚަރަދެއް ކުރަމުންދާކަމަށް ބުނެ ރޮނާލްޑޯ ވަނީ ހަޅުތާލެއް ކޮށްފައެވެ. އެގޮތުން އަލް ނަސްރުން އެންމެފަހުން ކުޅުނު ދެ މެޗުގައި ވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.
އެހެންނަމަވެސް، އަލް ނަސްރާއި ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ލިބުމުން ރޮނާލްޑޯ ވަނީ ހަޅުތާލު ނިމުމަކަށް ގެނެސްފައެވެ.
ރޮނާލްޑޯ މި ހަޅުތާލުގައި ހުރި ދުވަސްތަކުގައި ސައުދީ ލީގުގެ އެކި ފަރާތްތަކުން ވަނީ ރޮނާލްޑޯއަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދީފައެވެ.
މިކަމާ ގުޅިގެން، ރޮނާލްޑޯއާއެކު ރެއާލް މެޑްރިޑުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ޓޮނީ ކްރޫސް ބުނީ، ސައުދީ ލީގުން ރޮނާލްޑޯއަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށާއި އެ ލީގުން އޭނާގެ އަގުވަޒަން ނުކުރާ ކަމަށެވެ.
ސައުދީ ލީގަކީ މީގެކުރިން މާގިނަ ބަޔަކަށް އެނގޭ ލީގެއްވެސް ނޫން ކަމަށާއި އެކަން ބަދަލުވެ، އެއީ ދުނިޔޭގެ މަގުބޫލު ލީގަކަށް ހަދައިދިނީ ރޮނާލްޑޯކަމަށް ކްރޫސް ބުނެފައިވެއެވެ.
އަދި މާދަމާ ވެސް ރޮނާލްޑޯ ސައުދީ ލީގު ދޫކޮށްލައިފި ނަމަ، އެ ލީގު ބަލާނެ ބަޔަކު ދެން ނުތިބޭނެކަމަށް ބުނެ ކްރޫސް ވަނީ ސައުދީ ލީގަށް ވަރުގަދަ އިންޒާރެއް ދީފައެވެ.
ހަޅުތާލު ނިމުމަކަށް ގެނެސް އަލް ނަސްރުގެ ފަރިތަކުރުންތަކާއި މެޗުތަކުގައި ބައިވެރިވާން ރޮނާލްޑޯ ނިންމީ، ދެ ކަމެއް ފުރިހަމަ ކޮށްދިނުމަށް އެއްބަސްވުމުންނެވެ.
މީގެތެރެއިން ފުރަތަމަ ކަމަކީ މިހާތަނަށް ނުދެވި ހުރި ފައިސާ ދިނުމެވެ. ދެ ވަނަ ކަމަކީ ކުލަބުގެ ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯގެ މި ހުށަހެޅުމާއެކު އަލް ނަސްރުގެ ބައެއް ހިންގުންތެރިން މަގާމުން ސަސްޕެންޑްކުރުން ނިންމި ނިންމުމަށް ވަނީ ނިމުން ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޕޯޓިން ޑައިރެކްޓަރު ސިމާއޯ ކުޓީނިއޯ އާއި ސީއީއޯ ހޯސޭ ސަމޭޑޯ ހިމެނެއެވެ.