ސިއްހަތު

އާސަންދައިން މެޑިކަލް ޗެކްއަޕްގެ ޚިދުމަތްދޭން ތައްޔާރުވެއްޖެ


އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ވަޞީލަތްތައް ނެތް ހޮސްޕިޓަލްތަކުގައި، އެ ވަޞީލަތްތައް ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ނޭޝަނަލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއްޖެއެވެ. އެގޮތުން ލިބެން ހުރި ވަޞީލަތްތަކާއެކު އަންނަ ހަފްތާގައި ރީޖަނަލް ހޮސްޕިޓަލްތަކުން، މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމް ހަމަޖައްސަވާކަމަށް އުއްމީދުކުރެވޭކަމަށްވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއެވެ.

އާސަންދައިގެ ޚަރަދުގައި މެޑިކަލް ޗެކަޕް ހައްދަވައިދެއްވުމަށް ސަރުކާރުން ނިންމެވީ، ދިވެހި ކޮންމެ ރައްޔިތަކީ، ބައްޔެއްގެ ނުރައްކަލަށް ދިއުމުގެ ކުރިން ފަރުވާ ލިބިގަތުމަށް މަގުފަހިކުރެއްވުމަށާއި ބަލިޖެހިދާނެ ޙާލަތުތައް ދެނެގަނެ، އެކަމުން ރައްކާތެރިވުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް އިތުރަށް ފަހިކޮށްދެއްވުމުގެ ގޮތުންނެވެ. އާސަންދަ ކުންފުނިން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 5 ޢުމުރުފުރައަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ހިމެނެނީ 6 އަހަރުން ދަށުގެ ކުޑަކުދިންނަށާއި، 6 އަހަރާ 18 އަހަރާ ދެމެދުގެ ކުދިންނާއި، 19 އަހަރާ 35 އަހަރުގެ މީހުންނާއި، 35 އަހަރާއި 65 އަހަރާއި، 65 އަހަރުން މަތީގެ މީހުންނެވެ.

މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލާއި އަދި އަތޮޅުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލްތަކުންނެވެ. މި ޕެކޭޖްގެ ތެރެއިން، އެކި ބަލިތަކަށް ސްކްރީން ކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި، ހިތުގެ ބަލިތަކާއި، ކެންސަރާއި، ތައިރޮއިޑް ހިމެނެއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ) އިން ހާމަކުރައްވާ ގޮތުގައި މެޑިކަލް ޗެކަޕް ޕެކޭޖްގައި ހިމެނޭ ހުރިހާ ޓެސްޓެއް މިހާރު ހެދެން ހުރީ އައިޖީއެމްއެޗުން އެކަންޏެވެ. އެހެންނަމަވެސް ގިނަ ޓެސްޓުތައް ހުޅުމާލޭ ހޮސްޕިޓަލާއި އަތޮޅުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލްތަކުން ހެދޭނެ ކަމަށް އެންސްޕާއިން ވިދާޅުވެއެވެ. އެންސްޕާގެ ސީ.އީ.އޯ މުޖްތަބާ ޖަލީލް ވިދާޅުވީ، މެޑިކަލް ޗެކަޕް ފެށުން ލަސްވެގެން އުޅެނީ، ރީޖަނަލް ހޮސްޕިޓަލްތަކުގައި ބައެއް ވަޞީލަތްތައް ނެތުމުން ކަމަށާއި، މިފަދަ އިންތިޒާން ހަމަޖެއްސެވުމަށް ހެލްތު މިނިސްޓްރީއާއި މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ.

"ހުރިހައި އެނައިލައިސިސްއެއްވެސް މިހާރު އެންސްޕާއިން ހަދައިފިން. މެޑިކަލް ޗެކަޕް ހުރި ކަންތައްތައް ކުރެވެން ނެތް ތަންތަން ބަލާހަދައިފިން. ވަރަށް މަދު ރީޖަނަލް ހޮސްޕިޓަލެއްގައި ހުރިހައި ޓެސްޓެއް ހެދެންނެތީ. އަޞްލު އަތޮޅުގެ އާބާދީއަށް ބަލާ ހޮސްޕިޓަލްތައް ގިންތިކޮށްފައި ހުންނަ އިރު، އެއަށް ރިއާޔަތްކޮށް ޚިދްމަތްތަލާއި ތަޙްލީލުތައް ޤާއިމްކޮށްފައި މިހުންނަނީ. އެހެންވީމަ އަޅުގަނޑުމެން މިހާރުވާނީ ހެލްތު މިނިސްޓްރީއާއި މިވާހަކަ ހިއްސާކޮށްފައި. އެއީ ހޮސްޕިޓަލްތައް ގިންތި ކުރަނީ މިނިސްޓްރީން ކަމަށްވާތީ. އިރާދަ ކުރެއްވިއްޔާ މިނިސްޓްރީ، އެންސްޕާ އަދި އާސަންދަ ގުޅިގެން މަސައްކަތްކޮށްފިނަމަ މިއަހަރުގެ ތެރޭގައިވެސް ޚިދްމަތް ނެތް ތަންތަނުގައި ޚިދްމަތް ޤާއިމް ކުރެވި، މެޑިކަލް ޗެކްއަޕްގައި ހިމެނޭ ހުރިހައި ޚިދްމަތެއް ޤާއިމް ކުރެވިގެންދާނެ." އެންސްޕާގެ ސީ.އީ.އޯ މުޖްތަބާ ޖަލީލް ވިދާޅުވިއެވެ.

އެންސްޕާއިން ވިދާޅުވީ، ޢީދު ބަންދަށްފަހު އަންނަ ފުރަތަމަ ހަފްތާގެ ތެރޭގައި ސަރުކާރު ހޮސްޕިޓަލްތަކުގައި މެޑިކަލް ޗެކްއަޕް ފެއްޓެވުމަށް އިންތިޒާމް ހަމަޖައްސަވަމުން އަންނަ ކަމަށެވެ. ހުރިހާ ތަޙްލީލުތައް ހިމެނޭ ގޮތަށް ފުލް މެޑިކަލް ޗެކަޕެއް ހެދުމަށް މީހަކަށް 3،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު، މިފަށާ މެޑިކަލް ޗެކަޕްގެ ހުރިހައި ޚަރަދެއް ކަވަރކުރާނީ އާސަންދައިގެ ތެރެއިން ކަމަށް އެންސްޕާއިން ވިދާޅުވެއެވެ.