ޚަބަރު

މިރޭގެ ނިޔަލަށް މަސްދަޅު ކޭސް ބަހާ ނިންމަނީ


  • މާލޭ ސަރަޙައްދުގެ 43،923 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވޭ

  • މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފެށީ ޖަނަވަރީ 24ގައި

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތައް ބެހުމުގެ އެންމެ ފަހުގެ ކަންކަން މިރޭ 23:00 އަށް ނިންމާލާނެ ކަމަށް ސިޓީތަކާއި އިދާރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީތަކާއި އިދާރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޔޫސުފް އަބްދުލް ޣަފޫރް ވިދާޅުވީ، މަސްދަޅުތައް ބެހުމުގެ ކަންކަން ދިޔައީ ވަރަށް އަމާންކަމާއެކު ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެގެން ރިޕޯޓްކޮށްފައި ނުވާކަމަށެވެ.

"އަތޮޅުތެރެއަށް ބެހުމަށް ފޮނުވަން ހުރި ހުރިހާ މަސްދަޅުކޭސް ތަކެއް މިހާރު ވަނީ ފޮނުވާ ނިމިފައި. މަދު ރަށެއްގައި ފިޔަވާ ހުރިހާ ގޭބިސީއަކަށް މިހާރު ވާނީ މަސްދަޅު ކޭސްތައް ހަވާލުކުރެވިފައި." ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި 15 ތަނެއްގައި މަސްދަޅުކޭސް ބެހުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު ރެޔާއި ހަމަޔަށް ވަނީ 43،923 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައެވެ.

މިރޭ އެންމެ ފަހުވަގުތާ ހަމަޔަށް ވެސް މަސްދަޅުކޭސް ނުލިބޭ ފަރާތްތަކަށް މަސްދަޅުކޭސް ލިބޭނެ ކަމަށާއި އަތޮޅުތެރެއަށް މަސްދަޅުކޭސް ބެހުމަށް ކުދިކުދި ލޮޖިސްޓިކް މައްސަލަތަކެއް ކުރިމަތިވިނަމަވެސް އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅާފައިކަމަށް ޣަފޫރު ވިދާޅުވިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މާލޭ ސަރަޙައްދުގައި ފަށާފައިވަނީ މިދިޔަމަހުގެ 24 ވަނަ ދުވަހުއެވެ.