ރާއްޖޭގެ އުތުރާއި މެދުތެރޭގެ ހިސާބުތަކަށް ދުންފުހުގެ އަސަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޢިލްތިމާސްކުރައްވައިފިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަޙައްދުތަކުގެ ވައިގެ ނުސާފު މިންވަރު ދަށްވެ، ސިއްޙަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށެވެ. އަދި މި ހާލަތު ކުރިއަށް އޮތް ހަތަރު ދުވަހުވެސް ދެމިއޮންނާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން މައުލޫމާތުދެއްވައެވެ. މޫސުމާއިބެހޭ ރިޕޯޓްތަކުން ދައްކާ ގޮތުގައި ދުރުފެންނަ މިންވަރު ވަނީ 3 ކިލޯމީޓަރަށް ދަށަށް ގޮސްފައެވެ.
ވައިގެ ނުސާފުކަން އިތުރުވުމާ ގުޅިގެން ބޭރުތެރޭގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކާއި، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ ޢިލްތިމާސްކުރައްވާފައެވެ. ވައި ނުސާފުވާ ހާލަތްތަކުގައި ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ދަނީ އިރުޝާދު ނެރެމުންނެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ޞިއްޙީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ކަހަލަ ބަލިތައް ތަޙައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑުވާތީ، މިފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ.
އަދި ދުންފުހުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ޢިލްތިމާސްކުރައްވާފައެވެ. އެގޮތުން ވައި ނުސާފުވާ ދުވަސްވަރު މާސްކު އެޅުމަށާއި، ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެެވެ.
ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާއެކުގައެވެ. ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި މިމައްސަލަ ރާއްޖެއަށް ދަނީ ކުރިމަތިވަމުންނެވެ.