ޚަބަރު

އައު ޚިދުމަތްތަކާއެކު ރާއްޖޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް


  • ނާރުގެ ބަލިތަކުގެ ޚާއްޞަ ސެންޓަރު ހުޅުވާފައިވޭ

  • ތެލަސީމިއާ ޑީއެންއޭ ހަދާ ލެބޯޓްރީއެއް ހުޅުވާފައިވޭ

ޞިއްޙީގޮތުން ދުޅަހެޔޮ ރައްޔިތަކަށް ދިވެހި ކޮންމެ ރައްޔިތެއް ހެދުމަކީ، މި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުގެ އެންމެ މުހިންމު އެއް އަސާސެވެ.

ވަށާޖެހޭ ގޮތެއްގައި ޞިއްޙީ ދާއިރާ ތަރައްޤީކުރެވޭނީ، ބަލިބަލިން ރައްކާތެރި ކުރުމުގެ ސިޔާސަތާއި، ބަލި ޖެހުމުން ރަނގަޅު ފަރުވާދީ، ބަލިން ސަލާމަތް ކުރުމުގެ ސިޔާސަތާއި އެއްވަރަކަށް ސަމާލުކަންދީ، ދެ ސިޔާސަތުވެސް އެންމެފުޅާ ދާއިރާއެއްގައި ހަމަހަމަކަމާއެކު، ހުރިހާ ރައްޔިތުން ޝާމިލްވާނޭހެން ތަންފީޒު ކޮށްގެން ކަމުގައި ސަރުކާރުން ދެކެއެވެ.

ޞިއްޙީ ބޮޑެތި ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ އިތުރުން، ޞިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ޖެހުން މަދުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ޢަމާޒެކެވެ. އެގޮތުން ވޭތުވެދިޔަ 2 އަހަރަށް ބަލާލާއިރުވެސް، އާ ޚިދުމަތްތައް ފެށުމާއި އަދި މިހާރު އެކި ދާއިރާތަކުން ދެމުންދާ ފަރުވާ ފުޅާކުރުންވެސް ހިމެނެއެވެ.

"ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް":

މިދިޔަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނުގައި، ޞިއްޙީ ދާއިރާއިން ގެންނާނެ ކުރިއެރުންތަކާއި ކުރިއަށް ގެންދަވާނެ މަސައްކަތްތައް ރައީސް ތަފްސީލީ ގޮތެއްގައި ޙިއްސާކުރެއްވިއެވެ.

މީގެތެރެއިން ވަރަށް މުހިންމު ދެ ޚިދުމަތެއް މިހާރު މިވަނީ ފަށާފައެވެ.

"ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯ ސައިންސް އެންޑް ސްޓްރޯކް"ގެ ނަމުގައި ނާރުގެ ބަލިތަކުގެ ޚާއްޞަ ސެންޓަރު މިވަނީ ހުޅުވާފައެވެ. މި ޤާއިމުކުރި ނޭޝަނަލް ސެންޓަރގެ ސަބަބުން، ކުރިން ނާރުގެ އެކި ކަހަލަ ބަލިތަކުގެ ފަރުވާގެ ވިއުގާ ހޮސްޕިޓަލުގައި ގުޅާލާ، ޚިދުމަތަށް ވަނީ ފުޅާކޮށްފައެވެ. އަލަށް އުފަންވާ ކުދިންގެ ނާރުގެ ބަލިތަކުގެ ފަރުވާ ދޭ ރާއްޖޭގެ ހަމައެކަނި ޑޮކްޓަރުވެސް މަސައްކަތް ކުރައްވާނީ މި ސެންޓަރުގައެވެ.

އަދި ރާއްޖޭގައި މި ދާއިރާއިން ދޭ އެންމެ ޒަމާނީ ފަރުވާއާއެކު، ރާއްޖޭގައި ނާރުގެ ބަލިތަކަށް ދޭ ފަރުވާ، އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

"މި ސެންޓަރުގެ ސަބަބުން މުސްތަޤުބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކާއެކު، ސިކުނޑިއާއި މައިބަދައިގެ އޮޕަރޭޝަންތައް ކުރެވި، މުޅި ރާއްޖެ ގުޅުވައިލެވޭ ވިއުގައެއް މެދުވެރިކޮށް، ސްޓްރޯކްގެ ބަލި މީހުންނަށް ހަލުއިކަމާއެކު ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުވެގެންދާނެ. އަދި އަތޮޅުތަކުގެ ހޮސްޕިޓަލުތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ނާރުގެ ފަރުވާ، ރަނގަޅު ފެންވަރުގައި ލިބުމަށް އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ޑީއެންއޭ ލެބޯޓްރީގެ ޚިދުމަތް:

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް، ރާއްޖޭގައި ތެލަސީމިއާގެ ފަރުވާތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ސަރުކާރުގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ތެލަސީމިއާ ޑީއެންއޭ ހެދުމުގެ ލެބޯޓްރީއެއް ވަނީ ހުޅުވާފައެވެ. މިއީ އާއްމު ތަޙުލީލުން، ތެލަސީމިއާއަށް ވާރުތަ ކުރާ ގޮތް ދެނެނުގަނެވޭ މީހުން ހަދަންޖެހޭ ޑީއެންއޭ ޓެސްޓް، މޯލްޑިވްސް ބްލަޑް ސަރވިސަސް މެދުވެރިކޮށް ހެދޭނެ ނިޒާމެކެވެ. މީގެކުރިން ރާއްޖޭގައި މި ބާވަތުގެ ޑީއެންއޭ ޓެސްޓިން ހެދެނީ، ހަމައެކަނި އެންޖީއޯއަކުން ދޭ ޚިދުމަތެއްގެ ތެރެއިންނެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ތެލަސީމިއާގެ ބާވަތްތައް، ޞިއްޙީ މިންގަނޑުތަކަކުން ތަޙްލީލު ކުރުމުގައި، ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ އޮޓަމޭޓަޑް ޑީ.އެން.އޭ ތަޙްލީލު ކުރާ ލެބޯރެޓަރީ ޤާއިމުކޮށް، ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ޚިދުމަތްދޭނެ ކަމަށެވެ.

"މި ޚިދުމަތުގެ ސަބަބުން، މީގެ ކުރީން ދެނެނުގަނެވޭ، ލޭގެ މިއުޓޭޝަންތައް ދެނެގަނެ، ތަޙުލީލުތަކުގެ ފެންވަރު ރަނގަޅުކޮށް، އެއާ ގުޅިގެން ދެވޭ ލޭގެ ފަރުވާގެ ފެންވަރު އިތުރަށް މަތިކުރެވިގެންދާނެ. މި ޚިދުމަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވިއަން ބްލަޑް ސަރިވިސަސް މެދުވެރިކޮށް ފޯރުކޮށްދޭން ފަށާނެ." ރައީސް ވިދާޅުވެފައިވެއެވެ.

ތެލެސީމިއާ ހުންނަ ފަރާތްތަކަށް ސަރުކާރުން އަޅައިލަން ޖެހޭވަރަށް އަޅައިނުލައި ކުރިން އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސް، ޙައްލުކުރަން ޖެހިފައި ހުރި ކަންކަން ޙައްލުކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތެލަސީމިއާ ސެންޓަރު ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކޮށްފަވާއިރު، ތެލަސީމިއާ ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތްވެސް މި އަހަރު ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ހިލޭ ބޯންމެރޯ ހެދުމާއި، ތެލަސީމިއާ ކުދިންނަށް ޚާއްޞަ އެލަވަންސެންވެސް ދޭން ވަނީ ފަށާފައެވެ.

ރާއްޖޭގައި ތިބެގެން ވަށާޖެހޭ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ޤާއިމުކުރުމަކީ ރައީސްގެ އެންމެ މުހިންމު އެއް ވަޢުދެވެ. އެގޮތުން ބަލިތަކުން ރައްކާތެރިވުމަށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި، ބަލިތައް ކުރިއާލާ ދެނެގަތުމުގެ އިތުރުން، ފަރުވާގެ ނިޒާމު ހަރުދަނާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑައިގްނޯސްޓިކް ފަރުވާތައް ފުޅާކުރުން ހިމެނެއެވެ.

ޞިއްޙީ ދާއިރާއަކީ، މިއަހަރުގެ ބަޖެޓުގައިވެސް ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރާ ދާއިރާވެސްމެއެވެ.

"ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސަސް އެންޑް ތެރަޕީ ސެންޓަރު"ގެ ނަމުގައި، ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބޭ، ސްޓޭޓް އޮފް ދި އާރޓް ތެރަޕީ ސެންޓަރެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

2024ވަނަ އަހަރު ވަނީ، ދަރިމައިވުމާއި ގުޅޭ ޞިއްޙީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް "ނެޝަނަލް ފަރޓިލިޓީ ސެންޓަރ"ވެސް ޤާއިމުކޮށްފައެވެ.