ކުޅިވަރު

އަހަރުމެންނަށް ވެސް ޕެނަލްޓީ ލިބެން ޖެހޭ: ލިވަޕޫލްގެ ކޯޗު


މެންޗެސްޓާ ސިޓީ އަތުން ރޭ 2-1އިން އަމިއްލަ ދަނޑުގައި ބަލިވި މެޗުގައި ލިވަޕޫލަށް ވެސް ޕެނަލްޓީ އެއް ލިބެން ޖެހޭ ކަމަށް ކޯޗު އާނޭ ސްކޮޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ ސިޓީ މެޗުން މޮޅުވީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީ އާލިން ހާލަންޑް ކާމިޔާބު ކުރުމުން ކަމަށްވާތީ އެވެ. ލިވަޕޫށް ޕެނަލްޓީ ލިބެން ޖެހޭ ކަމަށް ސްލޮޓް އިޝާރާތް ކުރި ހާދިސާ އަކީ ލިވަޕޫލްގެ މުހައްމަދު ސަލާހަށް މެންޗެސްޓާ ސިޓީގެ ޑިފެންޑަރު މާކް ގުއޭއީ ހުރަސްއެޅި ހާދިސާ އެވެ.

"އޭނާ ސަލާހްގެ ޖާޒީގައި ހިފެހެއްޓި. މި ދަނޑުގައި މިދިޔަ އަށެއްކަ އަހަރު މެޗުތައް ބެލި އެންމެނަށް ވެސް އެނގޭނެ އެފަދަ ފުރުސަތެއްގައި ސަލާހް ގޯލު ޖަހާނެކަން. އަހަރެންގެ ނަޒަރުގައި އެއީ ގޯލް ޖަހަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. ރެފްރީ ނިންމާނީ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ނަތީޖާ ގޯސް ވިޔަސް ލިވަޕޫލުން މެޗުގެ ފަހު ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ.

މި މެޗުގައި ސިޓީ އަށް ތިން ވަނަ ލަނޑެއް ޖަހަން ވެސް ފަހު ސިކުންތުކޮޅުގެ ތެރޭގައި ހުސް ފުރުސަތެއް ލިބުނެވެ. ކީޕަރު އަލިސަން ބެކާ ކުރި އަށް އެރި ދަނޑިވަޅުގައި ހާލަންޑަށް ހުސްކޮށް ލިބުނު ފުރުސަތުގައި ބޯޅައާއެކު ކުރިއަރައި ގޯލަށް ޖަހަނިކޮށް އެ ފުރުސަތު ގެއްލުވާލީ ލިވަޕޫލްގެ ހަންގޭރީ މިޑްފީލްޑަރު ޑޮމެނިކް އެސްޒޮބޮސްލާއީ ފަހަތުން އޭނާގެ ޖާޒީގައި ހިފަހައްޓައިގެން ހުއްޓުވަ އެވެ. ލިވަޕޫލްގެ ލަނޑު ހިލޭ ޖެހުމަކުން ޖަހައިދިން ކުޅުންތެރިޔާގެ މި ކުށަށް އޭނާ އަށް ވަނީ ރަތްކާޑު ދައްކައި ފޮނުވާލައިފަ އެވެ. ސްލޮޓް ބުނީ ރަތްކާޑަކުން ސަލާމަތްވުމަށް ޒޮބޮސްލާއީ އަށް އެ ބޯޅަ ގޯލަށް ޖަހަން ދޫކޮށްލެވިދާނެ ކަމަށާއި ނަމަވެސް އޭނާގެ އަމަލުކުރި ގޮތް ވެސް މުޅިން ގޯސް ނޫން ކަމަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ދެ ވަނަ ހާފުގައި ލިވަޕޫލް މޮޅަށް ކުޅުނު ކަމަށް އެއްބަސްވި އެވެ. އޭނާ ބުނީ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅޭއިރު އެއީ އަބަދުވެސް އުނދަގޫ ޓީމެއް ކަމަށެވެ.

މި މެޗުން ބަލިވުން ލިވަޕޫލް އޮތީ 25 މެޗުން 39 ޕޮއިންޓާއެކު ހަ ވަނާގަ އެވެ. ސިޓީ އޮތީ 50 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. މިއީ އެއްވަނާގައި އޮތް އާސެނަލް އަށް ވުރެ ހަ ޕޮއިންޓް މެދު އަދަދެކެވެ.