ޚަބަރު

ރާއްޖޭގައި ވެލައާއި ކަހަނބުގެ ބާވަތްތަކުގެ އަދަދު އިތުރުވެއްޖެ


ވެލައާއި ކަހަނބަކީ ތިމާވެއްޓާބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވިފައިވާ ބާވަތެއްކަމަށް ކަނޑައެޅުއްވުމުން ވެލައާއި ކަހަނބު ހިފުމާއި ގޯނާކުރުމުގެ މައްސަލަތައް މަދުކަމަށް އެންވަޔަރަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ. ވެލާއާއި ކަހަނބަކީ ޙިޔާޔަތްކުރެވިފައިވާ ބާވަތެއްކަމަށް ކަނޑައެޅުއްވި ފަހުން ވެލައާއި ކަހަނބު ރާއްޖޭގައި އިތުރުވެފައިވާކަން އެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ރާއްޖޭގައި ވެލާޔާއި ކަނހަބަކީ ޙިމާޔަތްކުރެވިފައިވާ ބާވަތެއްކަމަށް ސަރުކާރުން ފުރަތަމަ ކަނޑައެޅުއްވީ މަސްވެރިކަމާބެހޭ ޤާނޫނުގެ ދަށުން 1995 ވަނަ އަހަރުގައި މޮރެޓޯރިއަމެއް މެދުވެރިކުރައްވައި 10 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި 2005 ވަނަ އަހަރު ހަމަ އެ މޮރެޓޯރިއަމްގެ ތެރެއިން އިތުރު 10 އަހަރަށް މި މުއްދަތު އިތުރުކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14637447315769.jpg|ވެލާ ކަހަނބު އާލާކުރުމަށް ރާއްޖޭގެ ރިސޯޓަކުން ހިންގި ޕްރޮގްރާމެއްގައި އާލާކޮށްފައިވާ ވެލައެއް - ފައިލް ފޮޓޯ: ޕީއެސްއެމް

އޭގެ ފަހުން ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ހަތަރުވަނަ މާއްދާގެ ހ. ގެ ދަށުން ވެލާ ކަނހަބަކީ ދާއިމީކޮށް ޙިމާޔަތްކުރެވިފައިވާ ބާވަތެއްކަމަށް މިއަހަރުގެ އޭޕްރީލް މަހު ކަނޑައަޅުއްވާފައެވެ. ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ވެލެއާއި ކަނބު ޙިމާޔަތް ކުރެއްވުމުން، ވެލާގެ ޢާއިލާގެ ބާވަތްތަކަށް ޤޯނާކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ވެލައާއި ކަހަނބު ޙިމާޔަތްކުރެއްވުމާ ގުޅިގެން މިކަމަށް ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވާކަމަށާއި، ވެލައާއި ކަހަނބަށް ގޯނާކޮށްގެން ހުށަހަޅާ ޝަކުވާތައް ވަރަށް ބޮޑަށް މިހާރު މަދުވެފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ޤާނޫނުގެ ބާރުގެ ދަށަށް ވެލާ ކަހަނބު އައުމާއެކު ހަމަ ވަރަށް ވަރުގަދަ ފިޔަވަޅު ތަކެއް އަޅަން ފަށައިފިން. އެގޮތުން އެންމެ ފުރަތަމަވެސް ވެލާ ހިފި، 3 ފަރާތެއް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައިވާނީ. އެކަމާ ގުޅިގެން މިހާރު ޝަކުރާ އަންނަލެއްވެސް މަދު. މިކަމުގައި ޙަރަކާތްތެރިވާ މީހުންވެސް މަދުވަމުން މިދަނީ. ވަރަށް ގިނަ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައްވެސް އަޅުގަނޑުމެން އެބަ ޖައްސަން. ވަކިން ޚާއްޞަކޮށް މި މަސައްކަތުގައި ޢާންމުކޮށް ހަރަކާތްތެރިވާ ރަށްރަށް ފާހަގަކޮށްފައި އެ ހިސާބުތަކުގައި އަޅުގަނޑުމެން މި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މި ޖައްސަނީ. އެހެންވީމަ އޭގެ ނަތީޖާ މިހާރު ފެންނަމުން އެވަދޭ." އިބްރާހީމް ނަޢީމް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14597757800391.jpg|ވެލައެއް / ފޮޓޯ: ސްކޫބާ ޓްރެވަލް

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ، ވެލެއާއި ކަހަނބަކީ ޙިމާޔަތްކުރެވިފައިވާ އެއްޗެއްގެ ގޮތުގައި ކަނޑައެޅުއްވުމުން، މި ބާވަތްތައް އިތުރުވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ވެލައާއި ކަހަނބު ފެނުން މިހާރު އިތުރުވާކަން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް ފާހަގަކުރާކަމަށް ޒާހިރު ވިދާޅުވިއެވެ.

"ރާއްޖޭގައި ވެލާ ކަހަނބު ޙިމާޔަތްކުރި އެއްޗެއްގެ ގޮތުގައި ކަނޑެއެޅި ހިސާބުން ފެށިގެން  ވެލާ ކަހަނބު އިތުރުވަމުން އަންނަ ކަމުގެ މައޫލޫމާތު ޑައިވް ސްކޫލްތަކުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ އެކިއެކި ޓޫރިސްޓުންނާއި، އަދި ޢާންމުކޮށް ހަމަ އެންމެންގެ ފަރާތުން ލިބޭ މަޢުލޫމާތެއް އެއީ އެއްދުވަހުން އަނެއް ދުވަހަށް ވެލާ ކަހަނބު ގިނަވަމުންދާ ކަމުގެ ވާހަކަ.. ކުރީގައި ޢާންމުގޮތެއްގައި ހުޅުލެއާއި މާލެއާއި ދޭތެރެއިން މިހެން ދަތުރު ކޮށްލިޔަސް ވެލާ ކަހަނބެއް ނުފެނޭ. އެކަމަކު މިހާރު ހަމަ ވަރަށް ގިނަ ފަހަރަށް ހުޅުލެއާއި މާލެއާއި ދޭތެރެއިން މިހެން ދަތުރުކޮށްލާފައި ދާއިރުވެސް ވެލޭ ކަހަނބު ފެނޭ. އެހެންވީމަ ވެލޭ ކަހަނބު އިތުރުވެއްޖެކަމަށް ޤަބޫލްކުރަން ޖެހޭ." މުޙައްމަދު ޒާހިރު ވިދާޅުވިއެވެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ވެލައާއި ކަހަނބު ޙިޔާޔަތްކުރެއްވުމާ ގުޅިގެން ވެލާކަހަނބުގެ އެއްވެސް ބާވަތެއް ހިފުމާއި، ވެލާ ކަހަނބުގެ ބިސް ނެގުމާއި، ބިސްވަޅުތަކަށް ގެއްލުންދިނުމާއި ވެލާ ކަހަނބު ގެންގުޅުމާއި ވެލާ ކަހަނބާއި އޭގެ ވިޔަފާރިކުރުންމަކީ ޤާނޫނީ ކުށެކެވެ. އަދި ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އެތަކެތި ޢާންމުކޮށް އުޅޭ މާޙައުލަށް ގެއްލުން ލިބޭފަދަ ކަމެއް ކުރުމާއި، ވެލާ ކަހަނބާއި ވެލާ ކަހަނބުގެ ބިހާއި ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުމަކީވެސް ކުށެކެވެ.