ޚަބަރު

ވުލްފްސްބާގް ބަލިކޮށް ޑޯޓްމަންޑުން ބަޔާނާ ފަަރަގުކުޑަކޮށްފި


  • މެޗުން ޑޯޓްމަންޑް މޮޅުވީ 1-2 ގެ ނަތީޖާއަކުން

  • މިއާއެކު ކުޅުނު 21 މެޗުން 48 ޕޮއިންޓު ޑޯޓްމަންޑަށް ލިބިފައިވޭ

  • ބަޔާން އެއްވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ 51 ޕޮއިންޓާއެކު

ޖަރުމަނު ބުންޑަސްލީގާގައި ބޮރޫޝިއާ ޑޯޓްމަންޓުން ވުލްފްސްބާގް ބަލިކޮށް، ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކާ ދެމެދު އޮތް ފަރަގުކުޑަކޮށްފިއެވެ.

ވުލްފްސްބާގުގެ ދަނޑުގައި ކުޅުނު މި މެޗުން ޑޯޓްމަންޑް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ޑޯޓްމަންޑުންނެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫލިއަން ބްރޭންޓެވެ.

ވުލްފްސްބާގުން ވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮންސްޓެންޓީނޯސް އެވެ. މެޗުން ޑޯޓްމަންޑް މޮޅުވި ލަނޑު، މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ސެރްހޫ ގިރާސީއެވެ.

މި މޮޅާއެކު ޑޯޓްމަންޑަށް ވަނީ ކުޅުނު 21 މެޗުން 48 ޕޮއިންޓު ލިިބިފައެވެ. އެ އަދަދަށް ޕޮއިންޓު ހޯދައިގެން ދެވަނައިގައި ޑޯޓްމަންޑް އޮތްއިރު އެއްވަނައިގައި ބަޔާން އޮތީ އެއް މެޗު މަދުން ކުޅެ 51 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ވުލްފްސްބާގް އޮތީ 21 މެޗުން 19 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.