ކުޅިވަރު

ލެވޮންޑޯސްކީ ބަހައްޓައި ޝެޒްނީ ފޮނުވާލަނީ


މުސާރަ ކުރުމަށްފަހު އިތުރު ސީޒަނެއްގައި ރޮބަޓް ލެވޮންޑޯސްކީ ބެހެއްޓުމަށްފަހު ތަޖުރިބާކާރު ގޯލްކީޕަރު ވޮޝްނިއާ ޝެޒްނީ މި ސީޒަނަށް ފަހު ބޭނުން ނުކުރަން ބާސެލޯނާ މަޝްވަރާ ކުރަން ފަށައިފި އެވެ.

ޕޮލެންޑްގެ ކެޕްޓަން ލެވޮންޑޯސްކީ އަކީ ބާސެލޯނާގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެވެ. އޭނާ އަށް ގާތްގަނޑަކަށް އަހަރަކު 26 މިލިއަން ޔޫރޯ ލިބެ އެވެ. ބާސެލޯނާއިން މިހާރު މަޝްވަރާ ކުރަމުންދަނީ 38 އަހަރުގެ ފޯވަޑްގެ މުސާރަ ދެބައިކުޅަ އެއްބަޔަށް ކުޑަރުމަށެވެ. ސްޕޭނުގެ ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާއިން ކުރިން ނިންމީ މި ސީޒަނަށް ފަހު ލެވޮންޑޯސްކީ ފޮނުވާލުމަށެވެ. ނަމަވެސް ނިންމުން ބަދަލުކޮށް އަލުން މަޝްވަރާ ކުރަން ބޭނުންވީ ކުލަބުގައި މަޑުކުރަން ކުޅުންތެރިޔާ ވެސް ބޭނުންވުމުންނެވެ. އަދި ބާސެލޯނާ އަށް މޮޅު ފޯވަޑަކު ލިބިފައިނުވާތީ އާއި ފަހަރުގައި މި ސީޒަނަށް ފަހު ފޯވަޑަކު ހޯދުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ބަލައިފަ އެވެ. އޭނާ ކުލަބުގައި މަޑުކުރުވިޔަސް އަންނަ ސީޒަނުގައި ފުރަތަމަ 11އިން ޖާގަ ލިބުން ދުރެވެ. މިކަމަށް ވެސް ލެވޮންޑޯސްކީ އެއްބަސްވެފައިވާ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.

ލެވޮންޑޯސްކީ ކުލަބުގައި ބަހައްޓަން ކޯޗު ހަންސީ ފްލިކް ވެސް ބޭނުންވެ އެވެ. މީގެ ތިން ސީޒަނު ކުރިން ބާސެލޯނާ އަށް ބަދަލުވުމަށްފަހު އޭނާ ވަނީ މިހާތަނަށް 100އަށްވުރެ ގިނަ ގޯލު ޖަހައިދީފަ އެވެ.

ލެވޮންޑޯސްކީއާއެކު ބާސެލޯނާ އަށް ކުޅެމުންދާ ޕޮލެންޑްގެ އަނެއް ކުޅުންތެރިއަކީ ކުރީގެ ގައުމީ ކީޕަރު ޝެޒްނީ އެވެ. އޭނާ ޓީމަށް ގެނައީ މިދިޔަ ސީޒަނުގަ އެވެ. އޭރު އޭނާ ހުރީ ރިޓަޔާކޮށްގެންނެވެ. ދެ ސީޒަނަށް ފަހު ބާސެލޯނާއިން އޭނާ ފޮނުވާލަން ބޭނުންވަނީ އެ ޖާގަ ޒުވާން ކީޕަރަކަށް ދިނުމަށެވެ. ޝެޒްނީގެ ކޮންޓްރެކްޓް ބާތިލް ކުރާ މަތިން އޭނާ އަށް ބާސެލޯނާއިން ދެ މިލިއަން ޔޫރޯގެ ބަދަލެއް ވެސް ދޭން ޖެހޭނެ އެވެ.