ވިޔަފާރި

"ސޮވްރިން ކްރެޑިޓް ރޭޓިންގެ ސަބަބުން އިންވެސްޓަރުން އިތުރުވާނެ"


ސަރުކާރުން ޢާންމުކުރެއްވި ސޮވްރިން ކްރެޑިޓް ރޭޓިންގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތައް އިތުރުވެގެންދާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއާ ވާހަކަދައްކަވަމުން ބޭންކު އޮފް މޯލްޑިވިސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ޢާއްމުކުރެއްވުމުން ދައްކައިދެނީ ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީވަމުން އަންނަ މިންވަރުކަމަށެވެ. އަދި ރާއްޖެއަށް ލިބިފައިވާ ރޭޓިންއަކީ ރަނގަޅު ފެށުމެއް ކަމަށާއި އެހެން ބައެއް ޤައުމަތަކާ އަޅާބަލާއިރު ރާއްޖެއަށް ލިބުނު ރޭޓިންގ ރަނގަޅުކަންވެސް އެންޑްރޫ ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14568308593826.jpg|ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ - ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން ޝާއިޢުކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިންގ އެޖެންސީތަކުގެ ތެރޭގައި ހިމެނޭ އެޖެންސީއެއް ކަމަށްވާ "މޫޑީސް އިންވެސްޓަރސް ސަރވިސް" ގެ ފަރާތުންނެވެ. މޫޑީސްއިން ރާއްޖެއަށް ދީފައިވަނީ "ބީ.ޓޫ" ރޭޓިންއެކެވެ.

ސޮވެރިން ކްރެޑިޓް ރޭޓިންއަކީ ޤައުމެއްގެ ކްރެޑިޓް ރިސްކާއި އިންވެސްޓްމަންޓްގެ މާޙައުލު ތިންވަނަ ފަރާތަކުން ހަމަހަމަ ގޮތެއްގައި ބެލުމަށްފަހު ހާމަކުރާ މިންގަނޑެކެވެ.