ރެއާލް ބެޓިސް އަތުން ހޯދި ބޮޑު މޮޅާއެކު އެތުލެޓިކޯ މެޑްރިޑް، ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ. މުބާރާތުގެ ކުއާޓަރ ފައިނަލުގެ ފަހު މެޗުގައި ބެޓިސްއާ ދެކޮޅަށް ކުޅެ އެތުލެޓިކޯ މޮޅުވީ 0-5 ގެ ނަތީޖާއަކުންނެވެ.
އެތުލެޓިކޯއިން މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނު މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު ޖެހީ 12 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ހެންކޯއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. އެގޮތުން 30 ވަނަ މިނެޓުގައި އެތުލެޓިކޯއިން ލީޑު ފުޅާކުރި ލަނޑު ގިލިއާނޯ ސިމިއޯނޭ ކާމިޔާބުކޮށްދިން އިރު އޭގެ ހަތް މިނެޓުފަހުން އެޑެމޯލާ ލުކްމަން ވަނީ އެތުލެޓިކޯގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
ތިން ލަނޑުގެ ލީޑެއްގައި އޮވެ އެތުލެޓިކޯއިން ދެވަނަ ހާފަށް ނުކުތްއިރު މި ހާފުގެ 17 ވަނަ މިނެޓުގައި އެންޓޮއިން ގްރިޒްމަން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގައި ފެނިގެންދިޔަ ފަހު ލަނޑު، މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތިއާގޯ އަލްމާޑާއެވެ.
މި މޮޅާއެކު އެތުލެޓިކޯއިން ކޮޕާ ޑެލްރޭގެ ސެމީގެ ޖާގައެއް ހޯދިއިރު، ދެން ސެމީގެ ޖާގަތައް ހޯދާފައި ވަނީ ބާސެލޯނާއާއި އެތުލެޓިކް ކްލަބްގެ އިތުރުން ރެއާލް ސޮސެއިދާދެވެ.