ތަޢުލީމު

ބ އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު ޢިމާރާތް މިމަހު ނިމޭނެ


މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ތަޢުލީމީ މަރުކަޒަށް އިތުރުކުރައްވާ އައު ޢިމާރާތުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި އަލަށް ހައްދަވާ މިޢިމާރާތަކީ އެސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށް އެޑިޔުކޭޝަން ނިސްޓްރީން ހިންގަވާ މަޝްރޫޢެކެވެ. ހަތަރު ބުރިއަށް ޢިމާރާތްކުރެއްވުމަށް ހަމަޖެހިފައިވާ މި ޢިމާރާތުގައި 12 ކްލާސްރޫމް ހިމެނެއެވެ. މިޢިމާރާތުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިންގ މަސައްކަތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. 

ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 12 ކްލާސްރޫމް ޢިމާރާތްކުރެއްވުމަށް ޙަވާލުކުރައްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު، މާރިސް ކޮންސްޓްރަކްޝަނާއެވެ. މިމަޝްރޫޢަކީ ވަރލްޑް ބޭންކްގެ އެހީއާއި، އެޑިއުކޭޝަން ސަރުކާރުގެ ބަޖެޓުން ހޭކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ. މިމަޝްރޫޢަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. 

ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ބާރައާ ހަމަޔަށް ކިޔަވައިދެއްވައެވެ. އަދި ނުވަސަތޭކައަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުން ގެންދެއެވެ.