ޚަބަރު

52 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ތެޔޮ ހުސްވެގެން ހުއްޓިއްޖެ


އޭދަފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗް ޕެޓްރޯލް ހުސްވެ ކަނޑުމަތިން ލޯންޗް ހުއްޓުމާ ގުޅިގެން މެރިން ޕޮލިސް އިން އެސަރަޙައްދަށްގޮސް ލޯންޗުގައި ތިބި މީހުން ރައްކާތެރިކަމާއެކު މާލެ ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު އޭދަފުށިން މީހުން ގޮވައިގެން މާލެއަށް ދަތުރުކުރަނިކޮށް، މި ލޯންޗް ޕެޓްރޯލް ހުސްވެގެންކަމަށެވެ. އަދި މި ހާދިސާ ހިނގިއިރު ލޯންޗް އޮތީ މާލެއަތޮޅު އާ ރަށް ކައިރީގައިކަމަށް ފުލުހުން ވިދާޅުވެއެވެ. 

ފުލުހުން ވިދާޅުވީ މި ޙާދިސާ ހިނގިއިރު ލޯންޗުގައި 52 މީހުން ތިބިކަމަށާއި އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭކަމަށެވެ. އަދި ލޯންޗްގައި ތިބި މީހުން މާލެގެނެސް ލޯންޗްވެސް މާލެއައިސް ޕްޓްރޯލް އަޅައި ޢާއްމު ދަތުރުތަކަށް މިހާރު ނިކުމެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

ފުލުހުން ވިދާޅުވީ މިއީ 40 މީހުންގެ ޖާގައިގެ ލޯންޗެއްކަމަށާއި، ނަމަވެސް މީގައި 52 މީހުން ތިބުމުން އެމައްސަލަ މިހާރު ބަލަމުންދާކަމަށެވެ.