އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފަދަ ޒަމާނީ ނެޓްބޯޅަ ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ އޭފްރީލްމަހު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ނެޓްބޯޅަ ކޮމްޕްލެކްސް ގާއިމުކުރާނީ ހުޅުމާލޭގައެވެ. މި ކޮމްޕްލެކްސްގެ މަސައްކަތް އޭޕްރީލުގައި ފައްޓަވާނެކަން ރައީސް އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ކުޅިވަރުގެ ދާއިރާއިން މިއަހަރަށް ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސްޓޭޓް އޮފް ދަ އާޓް މަލްޓި ސްޓޯރީ ނެޓްބޯޅަ ކޮމްޕްލެކްސް ގާއިމު ކުރައްވާނީ އިތުރު ހަތަރު ޕިޗާއެކުގައި ކަމަށެވެ. ނެޓްބޯޅަ ކޮމްޕްލެކްސްއަކީ މި ކުޅިވަރަށް ދިމާވެފައިވާ ވަސީލަތްތަކުގެ ދަތިކަމަށް ލިބިގެންދާނެ ބޮޑު ހައްލަކަށް ވެގެންދާނެއެވެ. އަދި މި އެރީނާގެ ސަބަބުން ރާއްޖޭގެ ނެޓްބޯޅަ އާއިލާއަށް ބައިނަލްއަގްވާމީ މުބާރާތްތައް ފަރިތަކުރުންތައް ބޭއްވުމާއި ޓީމުގެ ފެންވަރު މަތިކުރުމަށް ބާއްވަން ޖެހޭ ހައި އިންޓެންސިޓީ ޓްރޭނިންތައް ބޭއްވުމުގައި އިތުރު ލުއިފަސޭހަތައް ލިބިގެންދާނެއެވެ.
މީގެ އިތުރުން ސަރަހައްދީ މުބާރާތްތައް ރާއްޖެއަށް ގެނެސް ރާއްޖޭގައި ބޮޑެތި ބައިނަލްއަގްވާމީ މުބާރާތްތައް ހޯސްޓްކުރުމުގެ މަގުފަހިވެގެންދާނެއެވެ.
ނެޓްބޯޅައާއި އެހެނިހެން ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރެއްވުމަށް މިއަހަރު ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ. މިއަހަރު ތެރޭގައި ބައިނަލްއަގްވާމީ ނެޓްބޯޅަ ކޮމްޕްލެކްސްގެ އިތުރުން ފުޓްސަލް ކޮމްޕްލެކްސްއާއި އީ ސްޕޯޓްސް ސެންޓަރާއި ރޭސިން އެންޑް ޑްރިފްޓިން ކޮމިއުނީން އެދޭ ރޭސިން ޓްރެކް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާނެކަމަށް ރައީސް ވިދާޅިވިއެވެ.
އަދި މާލެއާއި އަތޮޅުތެރޭގައި އެކި މަރުހަލާތަކުގައި ކުރިޔަށްދާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންދަވާ އޮތް ދެ އަހަރު ދުވަހުގެތެރޭގައި 879 މަޝްރޫއު ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.