ޚަބަރު

އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް އެޕްރީލްގައި ފަށާނަން: ރައީސް


  • ފުޓްސަލް ކޮމްޕްލެކްސް ތަރައްޤީ ކުރާނީ އިތުރު ހަތަރު ޓްރޭނިން ޕިޗް ހިމެނޭނެ ގޮތަށް

  • ބައިނަލްއަގްވާމި މުބާރާތްތައް ކުޅެވޭ ފެންވަރުގެ ޒަމާނީ ސްޓޭޑިއަމެއް ފުތްސަލް ކޮމްޕްލެކްސްގައި ހިމެނޭނެ

ބައިނަލްއަގްވާމީ މެޗުތައް ބޭއްވޭ ގޮތަށް ސްޓޭޓް އޮފް ދަ އާޓް މަލްޓި ސްޓޯރީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ އެޕްރީލް މަހުގެތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ފައްޓަވާނީ ފުޓްސަލް ސްޓޭޑިއަމެއް ހިމެނޭހެން އިތުރު ހަތަރު ތްރޭނިންގ ޕިޗް ހިމެނޭ ގޮތަށް ކަމަށެވެ.

އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތަސް ބޭނުންވާ ފައިސާ ހަމަޖެހި ބިން ކަނޑަޅާ ނިމިފައިވާއިރު މިއީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ތަނަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ހަފްތާ 14 އެޖެންޑާގައި ރައީސް އިއުލާނު ކުރައްވާފައިވާ މަޝްރޫއެކެވެ.

ރާއްޖޭގައި އިންޑޯ ފުޓްސަލް ޕިޗެއް ނެތުމުގެ ކަންބޮޑުވުމަކީ ގިނަ އަހަރުތަކެއް ވެފައިވާ ފުޓްސަލް ކޮމިއުނިޓީގެ ޝަކުވާއެކެވެ. ފުޓްސަލް ޕިޗްތަކާއެކު ރާއްޖޭގައި ގާއިމުކުރާ ފުޓްސަލް ކޮމްޕްލެކްސްގެ ސަބަބުން ގައުމީ ފުޓްސަލް ޓީމުގެ ފެންވަރު މަތިކުރުމާއި ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖެއަށް ގެނައުމަސް މަގުފަހިވެގެންދާނެއެވެ.

އަދި ޒަމާނީ ފުޓްސަލް ކޮމްޕްލެކްސްގެ ސަބަބުން ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ ފެންވަރު މަތިވެ ބައިނަލްއަގްވާމީ މުބަރާތްތަކަސް ޓީމުތައް ތައްޔާރުކުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސަރަހައްދީ ފުޓްސަލްގައި ރާއްޖެއަކީ އެންމެ ވަރުގަދަ ޓީމެވެ. އެގޮތުން ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލާފައެވެ. ލައިފްސްޓައިލް ބަލިތަކުން ރައްކާތެރިވެ ޖިސްމާނީ ގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްޤީކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.