ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކަކީ ޤާނޫނުން އެތަންތަނުގެ ޙުރުމަތާއި ކަރާމާތް ރައްކާތެރިކުރައްވާފައިވާ ތަންތަނެވެ.
ފަނޑިޔާރުން ނިންމަވާ ނިންމެވުންތަކަކީ ދިމާވާ އެކިއެކި ޖިނާޢީ، މަދަނީ އަދި ދުސްތޫރީ މައްސަލަތައް ޙައްލުކޮށްދެއްވައި ޢަދުލުއިންސާފަށް ވާޞިލުކޮށްދޭ ނިންމެވުންތަކެކެވެ. ފަނޑިޔާރުންނަކީ ދުސްތޫރުން އެބައެއްގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކުރައްވާފައިވާ ބައެކެވެ.
ޝަރުޢީ ކޯޓްތަކާއި ފަޑިޔާރުންގެ ޙުރުމަތް ކަނޑައި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަމަށް އުނިކަން އަންނަގޮތަށް އެކި ވާހަކަތައް ފަތުރާ ފަރާތްތަކާމެދު އެއްވެސް އިސްތިސްނާއެއް ނެތި ފިޔަވަޅު އަޅުއްވަމުން ގެންދަވާނެކަމަށް ޝަރުޢީ ކޯޓްތަކުގެ ބެލެނިވެރި ފަރާތް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ. ބަޔަކު ހިތްހަމަނުޖެހޭގޮތަށް ޝަރުޢީ ކޯޓަކުން ކަމެއް ނިންމަވާ ކޮންމެފަހަރަކު އެކިއެކި ސިޔާސީ ބޭނުންތަކާއި، އަމިއްލަ ބޭނުންތަކަށްޓަކައި ކޯޓްތަކާއި ފަނޑިޔާރުންގެ ޙުރުމަތް ކަނޑާލުމަށް ސާބިތުނުހިފޭ ވާހަކަތައް ދައްކައި، ފެތުރުމަކީ އިސްލާމް ދީނާއި ޑިމޮކްރަސީގެ އަސާސްތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ.
ސުޕްރީމް ކޯޓުން ގެންދަވަނީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކުރައްވަމުންނެވެ. އެގޮތުން ޝަރުޢީ ކޯޓްތަކުގެ ނިންމެވުންތަކަށް ބާރުފޯރާގޮތުން ދައުލަތުގެ އެހެނިހެން ބާރުތަކާއި، ދައުލަތުގެ މުއައްސަސާތަކުންވެސް ޢަމަލުކުރާނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ސުޕްރީމްކޯޓުން ވަނީ އަންގަވާފައެވެ.
ޝަރުޢީ ނިޒާމުގެ އިތުބާރު ގެއްލޭގޮތަށް އެކިފަރާތްތަކުން ދައްކާ ޙަޤީޤަތާ ޚިލާފު ވާހަކަތަކަކީ މުޅި ރާއްޖޭގެ ޖިނާޢީ، މަދަނީ އަދި ދުސްތޫރީ ނިޒާމަތް އޮތް ބޮޑު ނުރައްކަލެކެވެ. ކޯޓްތަކުގެ ނިންމުންތަކަށް ޙުރުމަތްތެރިކޮށް ނުހިތުމުގެ ރޫޙް މުޖުތަމަޢުގައި އަށަގެންފިނަމަ ދިމާވާ އެކިއެކި މައްސަލަތަކުގައި ޢަދުލުއިންސާފަށް ވާޞިލުވުމުގެ މަގު ބަންދުވެގެންގޮސް އިޖްތިމާޢީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
"ކޯޓްތަކުގެ ޙުރުމަތް ރައްކާތެރިކުރަން މިޖެހެނީ ޤާނޫނުގެ ޙުރުމަތަށްޓަކައި، ކޯޓްތަކަކީ ޤާނޫނު ނަގަހައްޓަން މަސައްކަތްކުރާ އެންމެ މުހިންމު ފަރާތް. އެއީ ޤާނޫނުގެ ބަސް، އެންމެ ފަހުބަސް އިއްވާ ފަރާތަކީ ކޯޓްތައް، ފަނޑިޔާރުން.. އެހެންވީމަ ޙަޤީޤަތުގައި ކޯޓަކުން ކުރާ ކޮންމެ ޙުކުމަކީ ކޮންމެ އަމުރަކީ ޤާނޫނުން ކުރާ އަމުރު. އެއަމުރަށް ކުރަންޖެހޭ އިޙްތިރާމް ގެއްލިއްޖެކަމަށް ވަންޏާ، އެ އަމުރުގެ ޙުރުމަތް ކެނޑިއްޖެކަމަށް ވަންޏާ އެހާހިސާބުން ޤާނޫނުގެ ޙުރުމަތް ކެނޑުނީ" ޖުޑީޝަލް އެކަޑެމީގެ ޗާންސެލަރ އަޙްމަދު މާޖިދު ވިދާޅުވިއެވެ.
ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޖުޑީޝަލް އެކަޑަމީގެ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު މާޖިދު ވިދާޅުވީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، މުސްތަޤިއްލުކަން ޝަރުޢީ ކޯޓުތަކުން ކަށަވަރުކުރައްވާނެކަމަށާއި، ފަނޑިޔާރުންގެ ޙުރުމަތާއި ކަރާމަތާއި މިނިވަންކަމަށް ބުރޫއަރާ ގޮތަށް ކަންކަން ކުރާ ފަރާތްތަކާމެދު ޝަރުޢީ ދާއިރާއިން ފިޔަވަޅު އަޅުއްވަމުން ގެންދަވާނެކަމަށެވެ.
"ތަފާތު އެކި އެކި ފަރާތްތަކުން ދިވެހިރާއްޖޭގެ ދުސްތޫރީ ހަމަތަކާއި، ޒަމާނުންސުރެ ރާއްޖޭގައި އަމަލުކުރެވެމުން އައި އުޞޫލުތަކާ ޚިލާފަށް ކޯޓްތަކާ މެދުގައި ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެކިއެކި ނާޖާއިޒު މަޤްޞަދުތަކުގައި އެދައްކަމުންދާ ވާހަކަތަކާއި، ކޯޓްތަކާ ގުޅޭގޮތުން ފަތުރަމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތާ ގުޅިގެން ޤާނޫނާ އެއްގޮތަށް ފިޔަވަޅު އެޅޭނެ. ދެން އެޤަވާއިދުތައް ތަންފީޒުކުރެވުނީމާ ދެން އެ ސިޔާސީ ކަމަކަށް ހެދުން އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއް.. އެއީ ޙަޤީޤަތުގައި ޤައުމަށްވެސް ދެވޭ ވަރަށް ބޮޑު ދެރައެއް." ޖުޑީޝަލް އެކަޑެމީގެ ޗާންސެލަރ އަޙްމަދު މާޖިދު ވިދާޅުވިއެވެ.
ޝަރުޢީ ކޯޓެއްގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއް ހިންގައިފިނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދަށް ސުޕްރީމްކޯޓުން ވަނީ ބަދަލު ގެންނަވާފައެވެ. ކޯޓުން ކުރެއްވި ޙުމްތަކާ ޚިލާފުވުމާ ގުޅިގެން ދައުލަތުގެ އެކި މުއައްސަސާތައްވެސް ޖަވާބުދާރީ ކުރުވާފައިވޭ. އެގޮތުން 2014 ވަނައަހަރުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާމެދު ފިޔަވަޅުއަޅުއްވާފައިވަނީވެސް މިޤަވާޢިދުގެ ދަށުންނެވެ.
ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުން ކޯޓުގެ ޙުރުމަތް ކެނޑޭ ޢަމަލުތައްކުގެ ތެރޭގައި، ޢަދުލު އިންސާފުގެ ދާއިރާއާމެދު ނުބައި ތަޞައްވުރެއް ދެއްކުމަށް މަސައްކަތްކުރުމާއި، ޝަރީޢަތްތަކަށް ހުރަސްއެޅުމާއި، ކޯޓަކުން އަންގަވާ އެންގެވުމަކާ ޚިލާފުވާގޮތަށް ޢަމަލުކުރުމާއި، އަދުލު އިންޞާފް ޤާއިމުކުރެއްވުމަށް ދަތިކުރުމާއި، ކޯޓަކަށް ނުވަތަ ފަނޑިޔާރެއްގެ ޤަދަރާއި ކަރާމާތް ގެއްލޭފަދަ އެއްވެސް ކަމެއް ކުރުން ހިމެނެއެވެ.