ޚަބަރު

ކާވާ ވިމެންސް ލީގު: މުބާރާތުގެ ފުރަތަމަ މޮޅު ތުރާން ވީސީއަށް


  • ތުރާން ވީސީން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުން

  • މެޗުގެ ސެޓުތައް ތުރާން ވީސީން ގެންދިޔައީ 11-25، 8-25 އަދި 20-25 އިން

ސެންޓްރަލް އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ކުލަބުތައް ވާދަކުރާ "ކާވާ ވިމެންސް ލީގު 2026" ގެ ފުރަތަމަ މެޗުގައި ލަންކާގެ ހިރްދަނަމާނީ ބަލިކޮށް ކަޒަކިސްތާނުގެ ތުރާން ވީސީން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

މި މުބާރާތް ކުރިއަށްދަނީ މާލޭގައި، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައެވެ. ފަސް ގައުމަކުން ޖުމްލަ ހަތް ޓީމެއް ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބަކުން ވާދަކުރެއެވެ. އެއީ ވެމްކޯއާއި ހުރާ ކޮމިއުނިޓީ ކުލަބެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހިރްދަނަމާނީގެ މައްޗަށް ތުރާން ވީސީން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ތުރާން ވީސީން ގެންދިޔައީ 11-25، 8-25 އަދި 20-25 އިންނެވެ.

މުބާރާތް ކުރިއަށްދާނީ މިމަހުގެ ހަތަރަކުން ދިހައެއްގެ ނިޔަލަށެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ހިރުދަރަމާނީ ސްޕޯޓްސް ކުލަބާއި ޓުރާން ވޮލީބޯލް ކްލަބުގެ އިތުރުން، ނޭޕާލްގެ ޕޮލިސް ކުލަބާއި އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކުލަބު އަދި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އެވެ. ގްރޫޕް އޭގައި ހިމެނެނީ، ވެމްކޯ، ހިރުދަރަމާނީ އަދި ޓުރާން އެވެ. ގްރޫޕް ބީގައި ހިމެނެނީ، ނޭޕާލް ޕޮލިސް ކްލަބް، ހޫމޯ ވޮލީބޯލް ކްލަބް، ފޫލާދު މުބާރަކާ ސެޕަހާން އަދި ހުރާ އެެވެ.