ޚަބަރު

އޭޝިއާގެ ޝޫޓިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޒުވާން ޓީމުން ލޯ މެޑަލް ހޯދައިފި


ރާއްޖޭގެ ޒުވާން ޝޫޓިން ޓީމުން، އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުގެ އުމުރުފުރާގެ އިވެންޓުން ލޯ މެޑަލް ހާސިލްކޮށްފިއެވެ.

އިންޑިއާގެ ނިއުދިއްލީގައި މި މަހުގެ ހަތަރަކުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުން ލޯ މެޑަލް ހާސިލްކޮށްފައިވަނީ 10 މީޓަރު، އެއަރ ޕިސްޓަލް މެން ޔޫތު ޓީމުންނެވެ.

މި ޓީމުގައި ހިމެނެނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އަލީ ޒަކްނޫން އަޙްމަދާއި ރެހެންދި ސްކޫލުގެ މުޙައްމަދު އަޝްހަމް ބިން ޝާހިދުގެ އިތުރުން ސީއެޗްއެސްއީ މާލެ، ހާދު އަލީ ނަސީފެވެ.

މި އިވެންޓުން ރާއްޖޭގެ ޒުވާން ޓީމުން ލޯ މެޑަލް ހާސިލްކުރިއިރު މިބައިގެ ރިހި މެޑަލް ހޯދީ ކަޒަކިސްތާނުންނެވެ. އެއްވަނަ މަގާމުގައި އޮވެ ރަން މެޑަލް ހާސިލްކުރީ މުބާރާތް ހޯސްޓުކުރާ އިންޑިއާ އިންނެވެ.

މިއީ މުޅި އޭޝިއާއިން ބައިވެރިވާ މުބާރާތެކެވެ.

ލޯ މެޑަލް ހޯދި ޓީމުގައި ހިމެނޭ ޒަކްނޫނާއި އަޝްހަމް ވަނީ މިދިޔަ އަހަރު އޮތް ނޭޝަނަލް ޝޫޓިން ޗެމްޕިއަންޝިޕުގައި ރަން މެޑަލް ހޯދާފައެވެ. އަދި ހާދު ވަނީ ރިހި މެޑަލް ހޯދާފައެވެ.

މިއީ މުބާރާތުގެ ފުރަތަމަ ދުވަސް ކަމަށްވާއިރު ކުރިއަށް ވެސް، މުހިންމު އިވެންޓުތަކެއް، ޙާއްސަ ގޮތެއްގައި ރައިފަލް އިވެންޓުތަކެއް ތާވަލުކޮށްފައި އެބަހުއްޓެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ފައިނަލުގައި އޭޝިއާ ބައްރުގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު، މުބާރާތުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ރާއްޖޭގެ މަރިޔަމް އީޝަލް މިސްބާހު ވަނީ ރިހި މެޑެލް ހޯދައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ.

މިއީ ރާއްޖޭގެ ޝޫޓިންގެ ތާރީޚުގައި ދިވެހި އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެއަރ ޕިސްޓަލް ކެޓަގަރީން އީޝަލް ރިހި މެޑަލް ހޯދާފައިވާއިރު، އޭނާ އެފަހަރު ފައިނަލަށް ދަތުރުކޮށްފައިވަނީ ޝޫޓިންގެ ޤައުމީ ރިކޯޑަކާއެކުގައެވެ. އޭނާ މި ރިކޯޑް ހަދާފައިވަނީ 517 ޕޮއިންޓް ހޯދައިގެންނެވެ.