ޚަބަރު

ހިޔާ ޓަވަރު 5ގެ މަރާމާތަށްފަހު 148 މީހުން އެޕާޓްމަންޓުތަކަށް


  • ހުރިހާ އެޕާޓްމަންޓްތަކަކަށް ވަނީ ފެނާއި ކަރަންޓުގެ ޚިދުމަތް ދީފައި

  • 31 އެޕާޓްމަންޓުގެ 148 މީހުން ވަގުތީ ބޯހިޔާވަހިތަކަށް ބަދަލުކުރި

ހިޔާ ފްލެޓް 5ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 31 އެޕާޓްމަންޓުގެ 148 މީހުން މިއަދު އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫޢަވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ ރޭ 18:33 ހާއިރު ހިނގި މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ މައި ފާހާނާ ހޮޅިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާއާއި ގުޅިގެން ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ނިމި، އެ އިމާރާތުގެ ހުރިހާ އެޕާޓްމަންޓުތަކަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް އަލުން އިޔާދަކޮށްދީފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މައުލޫމާތުދެއްވައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، މި ހާދިސާ ހިނގި ވަގުތުން ފެށިގެން ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ކާބޯތަކެއްޗާއި، އެހެނިހެން ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ އިދާރާތަކުން ގާތުން މަސައްކަތް ކޮށްދީފައިވާ ކަަމަށެވެ. މީގެއިތުރުންް މިހާރު ހުރިހާ އެޕާޓްމަންޓުތަކަކަށް އަސާސީ ޚިދުމަތްތައް ލިބިފައިވާތީ، އާއިލާތަކުގެ ދިރިއުޅުން ޢާންމު ހާލަތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާދިސާގައި ހާލުގައި ޖެހުނު 148 މީހުން ވަގުތީ ބޯހިޔާވަހިކަމުގައި 5 ދުވަސް ވަންދެން ތިބެފައިވާއިރު، އެހެން ވުޒާރާތަކުން އަދި އިތުރު ފަރާތްތަކުންވެސް ވަނީ މި މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.