މި މަހު ފަށާ ޕްރެޒިޑެންޓްސް ކަޕާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުރިމަތިލާނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް އެ ޓީމުގެ ކޯޗު ޢަލީ ސުޒެއިން ބުނެފިއެވެ.
ދިވެހި ލީގުގައި، ޗެމްިޕއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، ހޯދި ޕޮއިންޓާއެކު ލިބުނު ހިތްހަމަޖެހުން މަތީހުރެ "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ސުޒެއިން ބުނީ، ނިއުއާއި މާޒިޔާ ބައްދަލުކުރި މެޗު ވީ ސަޕޯޓަރުން ދަނޑަށް ވަދެ، ބަލާލާ ހިތްވާ ކަހަލަ މޮޅު ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ ފޯރިގަދަ މެޗަކަށް ކަމަށެވެ.
ސުޒެއިން ވަނީ، ބާކީ މެޗުތަކެއް ހުއްޓައި މާޒިޔާއިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާތީ އެކަމަށް މަރުޙަބާ ކިޔައި، ޓީމުގެ މެނޭޖްމަންޓުން ފެށިގެން ކުޅުންތެރިންނާ ހަމައަށް ކުރި ބުރަ މަސައްކަތް ފާހަގަކޮށްފައެވެ.
މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސުޒެއިން ބުނީ، މި މެޗުގައި އެންމެ ހިތްހަމަޖެހުނީ ފަހުވަގުތު ކުޅެންއަރައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) ޖަހައިދިން ގޯލާމެދު ކަމަށާއި، ފަހުވަގުތު ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރާއި ކޮމިޓްމަންޓާ މެދުގައި ކަމަށެވެ.
މި މެޗުގައި 0-2 ގެ ނަތީޖާއަކުން މާޒިޔާ މޮޅުވާން ދަނިކޮށް، ނިއުގެ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް، ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ކުރިއަށް އޮތް ޕްރެޒިޑެންޓްސް ކަޕާ މެދު ކުރެވޭ އުއްމީދުތަކާ ގުޅޭގޮތުން ވެސް ސުޒެއިން ވާހަކަދެއްކިއެވެ.
"ނިއުރޭޑިއަންޓުން ހަމަ ވަރަށް ޕޮޒިޓިވްކޮށް ނުކުންނާނީ. މިހާރު އެބަ ފެނޭ ނިއުރޭޑިއަންޓަށް މީގެއިން ކޮންމެ ޓީމަކާ ވެސް ޗެލެންޖު ކުރެވިދާނެކަން. އެހެންވީމަ އެއާއެއްކޮށް ވަރަށް ޕޮޒިޓިވްކޮށް ނުކުންނާނީ". ޢަލީ ސުޒެއިން ބުންޏެވެ.
ނިއުރޭޑިއަންޓަކީ ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ސްޓޭޖުގެ ޖާގަ ކަށަވަރުކޮށްފައިވާ ހަތަރު ޓީމުގެ ތެރެއިން އެއް ޓީމެވެ. ގްރޫޕް ސްޓޭޖުގެ ޖާގަ ލިބެނީ ދިވެހި ލީގުގެ ޕޮއިންޓު ތާވަލުގެ ގަދަ ހަތަރަކަށެވެ. ނިއުއިން ގްރޫޕް ސްޓޭޖުގެ ޖާގަ ހޯދީ ލީގުގެ ތިންވަނައިގެ ގޮތުގައެވެ.