ޚަބަރު

ޔޫވީގައި މިހާރު އޮތީ ފުރަތަމަ ޑިވިޝަނުގައި ނަތީޖާ ނެރެވޭވަރުގެ ޓީމެއް ނޫން: ނަޒީހު


  • ނަޒީހު ބުނީ ފުރަތަމަ ޑިވިޝަނަށް އެރުމަށް އައު ޓީމެއް ނެރެން ޖެހޭ ކަމަށް

  • ޔޫވީ ވަނީ 10 އަހަރަށްފަހު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ނަތީޖާ ރަނގަޅު ކުރުމަށް މިއަދާ ހަމައަށް އައިރުވެސް 100 ޕަސެންޓް މަސައްކަތް ކުރި ކަމަށާއި މިހާރު އޮތީ ނަތީޖާ ނެރެވޭވަރުގެ ޓީމެއް ނޫން ކަމަށް ޔޫވީގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުލަބު ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނަޒީހު ބުނީ އެހެންނަމަވެސް ދަނޑުމަތިން މަސައްކަތް ކުރާނީ ކުޅުންތެރިން ކަމަށާއި، ނަތީޖާ ނެރެވޭނީ ޒިންމާ އަދާކުރާ ކުޅުންތެރިންތަކެއް ދަނޑުމަތީގައި ތިބެގެން ކަމަށެވެ.

"އަޅުގަނޑުގެ އެކްސްޕެކްޓޭޝަން ތަންކޮޅެއް ހައިވީ. އެއީކަންނޭގެ ދިމާވި މައްސަލައަކީ. ދެން ގެންނަން އުޅުނު ބޭރު މީހުންވެސް ރަނގަޅު ޓައިމްގައި ރަނގަޅު މީހުން ނުހޯދުނީ. ދެން މިވަރުގެ ކުޅުމަކުން ޑިޒާވެއް ނޫން ކަންނޭންގެ. އެއްވެސް މީހަކު ބޭނުމެއް ނުވާނެ ތިރިއަށް ދާކަށް ޑިވިޝަނުގައި" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ޔޫވީގައި ތިބި ކުޅުންތެރިންނަށްވުރެ އެހެން ޓީމުތަކުގައި ތިބި ދިވެހި ކުޅުންތެރިން ރަނގަޅު ކަމަށެވެ. "މިސާލަކަށް ޓީސީ އަށް ބަލައިފިނަމަ މެޗެއް ފަށައިގެން ހުރިހާ ކުޅުންތެރިން އެ އެޕްރޯޗް ކުރާގޮތް ޔޫވީއަކުން ނުފެނޭ. ވަރަށް މަޑު ގިނީގައި މެޗުފަށަނީވެސް. މަޑުގިނީގައި މެޗު ނިންމާލަނީވެސް" ނަޒީހު ބުންޏެވެ.

މެޗުތަކުގައި ނަތިޖާ ނެރެވެނީ 11 ކުޅުންތެރިން އެއްކޮށް އެފަޓްލައިގެން ކަމަށާއި މިހާރު ފެންނަނީ އެފަޓްލައިގެން ކުޅޭ ދެ ތިން ކުއްޖެއްކަމަށްވެސް ނަޒީހު ފާހަގަ ކުރިއެވެ.

"ސީނިއާ ކުޅުންތެރިންގެ ތަޖުރިބާއާއެކީ މަސައްކަތް ކޮށްފިނަމަ މިއަށްވުރެ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށެވެ. ނަތީޖާ ނެރެވޭނީ ޒިންމާ އަދާކިރާ ކުޅުންތެރިން ދަނޑުމަތީގައި ތިބެގެން" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ފުރަތަމަ ޑިވިޝަނަށް ޔޫވީ ގެނައީ އޭނާ ކަމަށާއި، އަދިވެސް ބޭނުންވަނީ ޔޫވީއާއެކު މަސައްކަތް ކުރަން ކަމަށެވެ. މިހާރަށްވުރެ ޔޫވީ ރަނގަޅު ކުރެވޭނީ މިއަށްވުރެ ރަނގަޅު ޓީމެއް ހަދައިގެން ކަމަށާއި، މެނޭޖުމެންޓުން އެދިއްޖެނަމަ އޭނާ އަދިވެސް މި ހުރީ ޔޫވީއަށް 100 ޕަސެންޓް އެހީތެރިކަން ދޭން ކަމަށެވެ.

"މީ އަޅުގަނޑު ގެނައި ޓީމެއް 2015 ގައި. އަނެއްކާވެސް އެރުމަށް މެނޭޖުމެންޓުން އެދިއްޖެއްޔާ 100 ޕަސެންޓްލައިދޭނަން. ދެން އެކަމު މިއަށްވުރެ ރަނގަޅު ޓީމެއް ހަދައިގެން އެރޭނީ. މިއީ ފުރަތަމަ ޑިވިޝަނުގައި ނަތީޖާ ނެރެވޭވަރުގެ ޓީމެއް ނޫން" ނަޒީހު ބުންނެވެ.

ޕްރިމިއަރ ލީގުގައި ކުލަބް ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓުވެފައެވެ.

މި ދެޓީމު ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މީގެ 10 އަހަރު ކުރިން ފުރަތަމަ ޑިވިޝަންގަ ވާދަކުރި ޔޫވީ 10 އަހަރު ތެރޭގައި ލީގުގައި ވަނީ އެވްރެޖް ކުޅުމެއް ދައްކާފައެވެ.