ޅ. ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސް ކުރާ މަރުކަޒު، ޝައިޚް ނާޒިލް އިންސްޓިޓިއުޓް ރަސްމީކޮށް ހުޅުއްވައިފިއެވެ.
މި މަރުކަޒަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ވަޤްފު ފަންޑާއި އާންމުންގެ ދީލަތި އެހީތެރިކަމާއެކު ބިނާކުރި މަރުކަޒެކެވެ.
މި މަރުކަޒު ބިނާކުރުމަށް އިސްލާމިކް ވަޤްފު ފަންޑުން 302,600.00 (ތިން ލައްކަ ދެހާސް ހަސަތޭކަ) ރުފިޔާގެ އެހީއެއް ދީފައިވެއެވެ. މި މަރުކަޒު ފަރުމާކޮށްފައިވަނީ، ދަރިވަރުންނަށް ފަހި މާޙައުލެއްގައި އުނގެނުމުގެ ފުރުޞަތު ލިބޭނެ ގޮތަށެވެ. އެގޮތުން މި ސެންޓަރުގައި ދެ ކުލާސްރޫމާއި، 100 މީހުންގެ ޖާގައިގެ ހޯލަކާއި، އޮފީހެއްގެ އިތުރުން މުވައްޒަފުންނާއި، ދަރިވަރުންނަށް ބޭނުންވާނެ އެންމެހާ އަސާސީ ވަސީލަތްތައް ވަނީ ޤާއިމުކުރައްވާފައެވެ.
މި މައުރަޒުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ، ތަޢުލީމާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މުޤައްރަރަށެވެ. މީގެ މައިގަނޑު މަޤުސަދަކީ ޅަ އުމުރުގައި ކީރިތި ޤުރުއާނުގެ އަޑާއި، މަޚްރަޖު އަދި ތަޖުވީދާއި ރާގު ފަދަ ފަންނުތައް އުނގަންނައިދީ، ޤުރުއާން އެކީގައި ހިތުން ދަސްކޮށްފައިވާ ޙާފިޡުންގެ ގޮތުގައި ދަރިވަރުން ދަސްވެނިވުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޚާއްޞަ އިނާޔަތެއްގެ ގޮތުން، މި މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 10 އިންސައްތަ ދަރިވަރުންނަށް ކިޔަވައިދެނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެހީގައި މުޅިން ހިލޭކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ. މިއީ، ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.
ޝައިޚް ނާޒިލް އިންސްޓިޓިއުޓްގެ ކާމިޔާބީއަށް ބަލާއިރު، މިހާތަނަށް 4 ދަރިވަރުން ވަނީ ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައެވެ. އަދި ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި އިތުރު 3 ދަރިވަރުން ޙިފްޡު ކޮމިޓީއަށް ކިޔަވައިދިނުމަށް ތައްޔާރުވަމުންދާއިރު، މިހާރުވެސް ޖުމްލަ 87 ދަރިވަރުން އަންނަނީ މި އިންސްޓިޓިއުޓްގައި ޙިފްޡު ކުރަމުންނެވެ. މީގެ ތެރެއިން 22 ދަރިވަރުން ތިބީ ޙިފްޡު ކުރުމުގެ އެންމެ ފަހު މަރުހަލާގައެވެ.