7 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ)ގެ އޭޝިއާ ރީޖަނަލް ކޮންފަރެންސް އަދި 2ވަނަ ސީޕީއޭ އޭޝިއާއާއި ސައުތު އީސްޓް އޭޝިއާ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ޕާކިސްތާނުގެ ކަރާޗީއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރީޖަނަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، ސީ.ޕީ.އޭ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު ރަސްމީކޮށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ޙަވާލުކުރާނެއެވެ. މި ރިޔާސަތު މަޖިލީހާ ޙަވާލުކުރާނީ، 68 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސުން ފެށިގެން 71 ވަނަ ކޮންފަރެންސާ ހަމައަށެވެ.
ޕާކިސްތާނުގެ ސިންދު ޕްރޮވިންޝަލް އެސެމްބްލީން އިންތިޒާމު ކޮށްގެން ބާއްވާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިޢާރަކީ، "މުސްތަޤުބަލުގެ ޕާލިމެންޓުތައް: އިތުބާރާއި، ޝާމިލުވުމާއި، އައު އީޖާދުތަކާއި ސުލްޙައިގެ ތެރެއިން ޑިމޮކްރަސީ އަލުން ބައްޓަންކުރުން"އެވެ. މި ބައްދަލުވުންތަކުގައި ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ބަރުލަމާނީ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަހުގެ 3 އިން 7 އަށް ކުރައްވާ މި ދަތުރުފުޅުގައި މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް އަދި މަޖިލީހުގެ އިދާރާގެ ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ބައިވެރިވެ ވަޑައިގަންނަވައެވެ.