ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ފަހަރަށް ވާދަކޮށް އޮޑި ސްޕޯޓްސް ކުލަބަށް އާދެވުނު ހިސާބާއި މެދު ހިތްހަމަޖެހޭ ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ.
ގާސިއާ ބުނީ އޭނާގެ ޓީމުގައި އޮތީ ސްޓްރޯންގް މެންޓަލިޓީއެއް ކަމަށާއި ޓީމެއްގެ ގޮތަށް މަސައްކަތް ކުރެވޭވަރުގެ ޓީމެއް ކަމަަށް ލީގު ފެށުނު އިރުވެސް އެނގޭކަމަށެވެ. މާޒިޔާ އާއި ނިއުރޭޑިއަންޓް ކަހަލަ އިންޑިވިޑުއަލިޓީއެއް އެޓީމުގައި ނެތަސް ކޮލިޓީ އެބަހުރި ކަމަށް ގާސިއާ ބުންޏެވެ.
ގާސިއާ ބުނީ މާޒިޔާއަށް މަރުހަބާ ކިޔާ ކަމަށާއި އެ ކުލަބަށް ދިރާގު ދިވެހި ލީގުގައި ޓައިޓްލް ހައްގު ކަމަށެވެ. އަދި ބުރު ސްޕޯޓްސް ކުލަބަކީވެސް ވަރުގަދަ ޓީމެއް ކަމަށާ ނިއުއަކީވެސް ލީގުގައި ވަރުގަދަ ޓީމެއް ކަމަށް ގާސިއާ ފާހަގަ ކުރިއެވެ.
އޮޑި އޮތީ ލީގުގެ ދެވަނައިގައެވެ. ގާސިއާއި ބުނީ ޕްރެސިޑެންސް ކަޕާއި ކުރިޔަށް ހުރި މުބާރާތްތަކަށް އޭނާ އެ ކުލަބުގައި މަޑުކުރާ ނަމަ ޓީމު އިތުރަށް ކުރިއަށް ޖައްސާނެ ކަމަށެވެ. އަދި އޭނާގެ ހުރީ މުބާރާތްތައް ކާމިޔާބުކުރުގެ ވިސްނުން ކަމަށާއި އެ ވިސްނުމުގައި ކުލަބު ކުރިޔަށް ގެންގޮސްދޭނެ ކަމަށް ގާސިއާ ބުންޏެވެ.
މޭމަހު އޭނާގެ ކޮންޓްރެކްޓް ހަމަވާނެ ކަމަށާއި އެހެންނަމަވެސް ކުލަބުގައި މަޑުކުރަން ބޭނުންވާ ކަމަށްވެސް ގާސިއާ ބުންޏެވެ. ކުލަބަށް އޭނާ ބަހައްޓަން ފެންނަނަމަ ބަހައްޓާނެ ކަމަށާއި އުންމީދަކީ އަދިވެސް އޮޑީގައި މަޑުކުރުން ކަމަށް އޭނާ ބުންޏެވެ. ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ކުޅޭ އޮޑީގެ ފެންވަރާއި މެދު ހިތްހަމަޖެހޭ ކަމަށް ގާސިއާ ބުންޏެވެ.
ސްޕެއިންގެ މެޑްރިޑަށް އުފަން ގާސިއާ އާއެކު އޮޑި ސްޕޯޓްސް ކުލަބާއި ހަވާލުވީ އޮގަސްޓުގައެވެ.
އީރާން އާއި ޗައިނާގައިވެސް މަސައްކަތް ކޮށްފައިވާ ކޯޗު ގާސިއާއަކީ އޭޝިއާ ފުޓްބޯޅައިގެ ތަޖްރިބާ ހުރި ކޯޗެކެވެ.