ކުޅިވަރު

ޓާސްޓެގަން އަށް އަނެއްކާ ވެސް އަނިޔާވެއްޖެ، އެނބުރި ބާސެލޯނާ އަށް؟


ކުޅޭނެ ފުރުސަތު ހޯދަން މަޖުބޫރު ވުމުން ޖިރޯނާ އަށް ބަދަލުވި ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އަށް އަނެއްކާ ވެސް އަނިޔާވެއްޖެ އެވެ.

މި ފަހަރު އަނިޔާވީ މިދިޔަ ހަފުތާގައި ރެއާލް އޮވިއެޑޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މިއާއެކު ޖިރޯނާއިން މިހާރު ބޭނުންވަނީ އޭނާގެ ކޮންޓްރެކްޓް ކެންސަލް ކުރުމަށެވެ. ސަބަބަކީ މި އަނިޔާގެ ސަބަބުން ޖަރުމަނުގެ ކީޕަރަކަށް މަދުވެގެން ދެ މަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު ނުކުޅެ ހުންނަން ޖެހިދާނެތީ އެވެ. ނަމަވެސް މިއީ އެހާ ފަސޭހަ ކަމަކަށް ވެސް ނުވާނެ އެވެ.

އުމުރުން މިހާރު 34 އަހަރުގެ ކީޕަރު މިދިޔަ މަހު ޖިރޯނާ އަށް ބަދަލުވީ ބާސެލޯނާގައި އޭނާ އަށް ކުޅެން ފުރުސަތު ނުދޭތީ އެވެ.

ޖިރޯނާ އަށް ބަދަލުވުމަށްފަހު މިހާތަނަށް އޭނާ ކުޅުނީ އެންމެ ދެ މެޗެވެ. ނަމަވެސް އަނިޔާވުމުން އޭނާ އެނބުރި ބާސެލޯނާ އަށް އަތުވެއްޖެނަމަ ކުރިއަށް އޮތް ވޯލްޑް ކަޕުގައި ޖަރުމަނުގެ ގައުމީ ޓީމުން ޖާގަ ހޯދަން ކުރާ އުއްމީދުތަކަށް މުޅިން ކަހަލަ ގޮތަކަށް ހުރަސް އެޅޭނެ އެވެ. ސަބަބަކީ ބާސެލޯނާގައި މިހާރު އޭނާ އަކީ ތިން ވަނަ ކީޕަރު ކަމަށް ނިންމާފައިވާތީ އެވެ.

ފާއިތުވެދިޔަ 11 އަހަރު ބާސެލޯނާ އަށް ކުޅުނު ޓާސްޓެގަން އަށް ބާސެލޯނާއިން އިތުބާރު ނުކުރަން ފެށީ ގާތްގާތުގައި އޭނާ އަށް އަނިޔާގެ މައްސަލަތައް ކުރިމަތިވާން ފެށުމުންނެވެ. މި ސީޒަނުގައި އޭނާ އަލުން ކުޅެން ފެށީ ވެސް ގާތްގަނޑަކަށް ދޮޅު އަހަރު އަނިޔާގައި ހޭދަކުރުމަށްފަހު އެވެ.

2028 ވަނަ އަހަރާ ހަމައަށް ބާސެލޯނާއާއެކު ކޮންޓްރެކްޓް ހަދައިގެން ހުރި ކުޅުންތެރިޔާ ޖިރޯނާ އަށް ބަދަލުވީ ވެސް މަޖުބޫރު ވެގެންނެވެ. އެއީ ބާސެލޯނާއިން އޭނާ ކުޅެން ފުރުސަތު ނުދޭއިރު ޖަރުމަނު ގައުމީ ޓީމުގެ ޖާގަ ކަށަވަރުވާން އޮތީ ވެސް ގަވާއިދުން ކުޅެގެން ކަމަށްވާތީ އެވެ.