ޚަބަރު

ކައުންސިލްތަކުގެ އިންތިޚާބު ބާއްވާނެ ތާރީޚް ހާމަކުރައްވައިފި


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އަންނަ އަހަރުގެ ޖެނުއަރީމަހުގެ 14 ވަނަދުވަހު ބޭއްވެވުމަށް ނިންމަވައި އެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އެކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް ޢާންމޮކޮށް ޢިއުލާން ކުރައްވާނީ، އަންނަ އޮކްޓޫބަރުމަހުގެ 26 ވަނަ ދުވަހުކަމަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގެވުމަށް ޤާނޫނުގައި ބާޔާންކުރައްވާފައިވާ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، ރަށުކައުންސިލްތައް ތިންވަނަ ދައުރަކަށް އިންތިޚާބުކުރެއްބުވުމަށް، ކުރައްވަންޖެހޭ ތައްޔާރީތައް އިންތިޚާބުތަކާބެހޭ މައި އިދާރާ، އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ކުރައްވަމުންނެވެ. މިހާރު ތިބި އިންތިޚާބީ ކައުންސިލަރުންގެ ދައުރު ހަމަވާނީ، އަންނަ 2017 ވަނަ އަހަރުގެ ފެބްރުއަރީ 26 ގެ ނިޔަލަށެވެ.

ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުޞްތަފާ ވިދާޅުވީ، 14 ޖެނުއަރީ 2017 ގައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެވުމަށް ކޮމިޝަނުން ނިންމެވީ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާ ތާރީޚުގެ ކުރިން އަލަށް އިންތިޚާބުކުރެވޭ ފަރާތްތަށް ހުވާކުރެވޭނެހެން، އެއްވެސް ދަތިކަމައް ނުވާނޭގޮތަށް ބައްލަވައިގެންކަމަށެވެ.

"އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އިންތިޚާބު މިބާއްވަނީ، އަންނަ އަހަރުގެ ފެބްރުއަރީ 26 މިހާރު މިހިންގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވާ ދުވަސް، އެހެންވީމަ މިމުއްދަތުގައި އިންތިޚާބުބާއްވައިގެން އޭގެ އެއްވެސް ދައްޗެއް ދިމާނެވެ، އަދި ބައި އިލެކްޝަނެއް، ނޫނީ އިތިޚާބުގައި ދިމާވާކަމެއްގެ ސަބަބުން އިތުރުބުރެއް ތަނެއްގައި ބާއްވަން ޖެހުނަސް އެކަން އަޅުގަނޑުމެންނަށް ކުރެވޭނެކަމަށް މިބަލަނީ ޖެނުއަރީ 14 ގައި ބޭއްވިއްޖެނަމަ. އަދި އޭރުން ފެބްރުއަރީ 26 ވަނަ ދުވަހު  އަލަށް އިންތިޚާބުކުރެވޭ ކައުންސިލް ހުވާކުރެވޭނެ." އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުޞްތަފާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/8869.jpg|އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން- ފައިލް ފޮޓޯ : ޕީއެސްއެމް

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވާގޮތަށް ކޮމިޝަނުން ހަމަޖައްސާފައިވަނީ، އަންނަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުކަމަށެވެ.

އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް އޮންލައިންކޮށްވެސް ކުރިމަތިލެއްވޭނެ އިންތިޒާމުވެސް އެކޮމިޝަނުން ވަނީ ފަހިކޮށްދެއްވާފައެވެ. އަދި އިންތިޚާބުގައި ވޯޓުލެވޭނެ މީހުންގެ ލިސްޓް ޢީދު ބަންދަށްފަހު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޢާންމުކުރެވޭނެކަމަށް އަމްޖަދު ވިދާޅުވިއެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނަށް ދާދިފަހުން ގެނެވުނު ބަދަލުގައިވާ ގޮތުން، އާބާދީގައި 3000 މީހުންނަށްވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެމްބަރުންނެވެ. އަދި އާބާދީ 3000 މީހުނަށްވުރެ ގިނަނަމަ އެރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 5 މެމްބަރުންނެވެ. އިންތިޚާބީ ދެ ދާއިރާ ހިމެނޭ އަތޮޅު ކައުންސިލްތަކަށް މުޅި އަތޮޅުން 3 މެމްބަރުން އިންތިޚާބުކުރާއިރު، މިފަދަ އަތޮޅުތަކަށް މެންބަރުން އިންތިޚާބުކުރަން އަތޮޅުގެ ހުރިހާ ރައްޔިތުން ވޯޓްދޭންޖެހޭނެއެވެ. މި ބަދަލުތަކާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބު ބޭއްވިގެންދާނީ ބޮޑެތި ބަދަލުތަކަކާއެކުކަމަށް އަމްޖަދު ވިދާޅުވިއެވެ.

އިންތިޚާބުކުރެވޭ ކައުންސިލަރުންގެ އަދަދަށް އައި ބަދަލަށް އާންމުން ހޭލުންތެރިކުރުމުގެ މަސަކަތް އިލެކްޝަންސް ކޮމިޝަނުންވެސް ކުރައްވާނެކަމަށާއި، ކައުންސިލްތަކުންވެސް މިއަންނަ ބަދަލަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކޮމިޝަނުން އެދިވަޑައިގަންނަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

"ގާނޫނުގައި މި ބުނަނީ، ކޮންމެ އަތޮޅުކައުންސިލެއްގަވެސް ތިބެންވަނީ މަދުވެގެން ތިން ކައުންސިލަރުންނޭ. އެހެންވީމަ ދާއިރާތަކަށް ބަލާއިރު، ތިން ދާއިރާ މަދުވެގެން އޮންނަ ތަންތަނުގައި އޭގެ އެއްވެސް ދައްޗެއްނެތް، ހަމަ ދާއިރާއަކުން އެއްކައުންސިލަރުން އައްޔަންކުރެވުނީމަ ތިން ކައުންސިލަރުން ތިބޭނެ. އެހެންވީމަ ވ. އަތޮޅުފަދަ ދެ ދާއިރާ އޮންނަ އަތޮޅުތަކުން މުޅިއަތޮޅުން ވޯޓުލައިގެން ތިން ކައުންސިލަރުން އިންތިޚާބުކުރަން މިޖެހެނީ. އހެންވީމަ ކުރީ ދެ އިންތިޚާބާ ތަފާތުކޮށް މިފަހަރު މިއައި ބަދަލަށް ރައްޔިތުން އެވެއަރ ކުރުމުގެ އަޅުގަނޑުމެންވެސް މިކުރަނީ، އަތޮޅުކައުންސިލްތަކާއި، ރަށުކައުންސިލްތަކުންވެސް މިގޮތަށް މީހުން ހޭލުންތެރިކުރުމަށް އަޅުގަނޑުމެން އެދެން" އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުޞްތަފާ ވިދާޅުވިއެވެ.

އިންތިޚާބުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ބައެއް މަސަކަތްތައް ކުރެއްވުމަށް އަތޮޅުތަކާއި ރަށްރަށުންވެސް ފޯކަލް ޕޮއިންޓުން ކަނަޑައަޅުއްވަމުން ގެންދަވާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. މީގެ އިތުރުން ވޯޓްލުމުގެ ކަންކަން ކުރިއަށްދާއިރު، ވޯޓުފޮށި ކައިރީގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނުކުރެއްވުމަށް ކޮންމެ އަތޮޅަކުން 3 ބޭފުޅަކު މާލެ ގެންނަވައި، ތަމްރީނުކުރެއްވުމަށް އެފަދަ ބޭފުޅުން ހޯއްދެވުމަށްވެސް އިޢުލާންކުރައްވައި، މީހުން ކުރިމަތިލަމުން އަންނަކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. މީގެ ސަބަބުން ކުރިއަށް އޮތް އިންތިޚާބުތަކުގެ ކަންކަމުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާނެ ދާއިމީ ޕޫލެއް އުފެދިގެންދާނެ ކަމަށާއި، މިއާއެކު، ހުރިހާ އޮފިޝަލުން ޓްރެއިން ކުރުމަށް މާލެ ގެންނަވަށް ނުޖެހި، ޓްރެއިނިންގެ ކަންކަމަށް އިލެކްޝްންސް ކޮމިޝަނުން ކުރައްވާ ޚަރަދު ކުޑަވޭނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.