ސިއްހަތު

ޅ.އަތޮޅު ހޮސްޕިޓަލުގެ އައު އިމަރާތުގެ %90 މަސައްކަތް ނިމިއްޖެ


ޅ. އަތޮޅު ހޮސްޕިޓަލްގައި ޢިމާރާތްކުރައްވަމުން ގެންދަވާ 5 ބުރީގެ ހޮސްޕިޓަލްގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ހޮސްޕިޓަލާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީޑިރެކްޓަރ ޖެނެރަލް އަޙްމަދު ޤާސިމް ވިދާޅުވީ ޅ.އަތޮޅު ހޮސްޕިޓަލްގައި މިހާރު ކުރެވެމުންދަނީ ފިނިޝިންގެ މަސައްކަތްކަމަށާއި، ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި މި ހޮސްޕިޓަލް ޢިމާރާތް މިއަހަރު ނިމުމުގެ ކުރިން ބޭނުންކުރަން ފެށޭވަރުވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

"މިއީ ރަނގަޅު ފެންވައްގައި ހެދޭ ހޮސްޕިޓަލެއް. ޖާގައިގެ ތަނަވަސްކަންލިބި އަދި ހޮސްޕިޓަލުން ދޭންޖެހޭ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށްޓަކައިރަނގަޅު އިމާރާތެއް. ހޮސްޕިޓަލްގެ ޙިދުމަތަށް ބަލާއިރުގައި ޖާގައިގެ ގޮތުން ދަތިވާނެ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވޭ." ޤާސިމް ވިދާޅުވިއެވެ.

މި ހޮސްޕިޓަލުގައި 6 ޕްރައިވެޓް ކޮޓަރި ހުރެއެވެ. އަދި މި ހޮސްޕިޓަލުންވެސް ދެވަނަ ދަރަޖައިގެ ހޮސްޕިޓަލުތަކުން ދެއްވަމުން ގެންދަވާ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ އާޢިމާރާތުގެ މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން 44 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން އިމާރާތް ކުރައްވަމުން ގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.