ޚަބަރު

އިންތިޚާބުތައް ގިނަކަމުން، އުފެއްދުންތެރިކަމަށް އޮންނަ ވަގުތު ގެއްލޭ


  • އެންމެ ފައިދާ ބޮޑު ގޮތަކީ އިންތިޚާބުތައް މަދުކުރުންކަމަށް ވިދާޅުވި

  • ބައެއް ޕާޓީތަކުން ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ތާޢީދު ނުކުރައްވާ

އިންތިޚާބުތަކާއި ކެމްޕޭންތަކަށް ހޭދަކުރާ ވަގުތު މަދުކޮށް، ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް އިސްކަންދޭންޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެ އިންތިޚާބު އެއްކޮށްލަން ގާނޫނުއަސާސީއަަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒިީރު އާދަމް ޝަރީފާއި، އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައްޔިތުންނާއި ވެރިންނާއި މަޖިލީހަށްވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އިންތިޚާބުތައް މަދުކޮށް، ރައްޔިތުންނަށް ބާރު ލިބިގެން ދިއުން ކަމަށެވެ. އަދި މުޅި ގައުމުގައި އަބަދު އިންތިޚާބުގެ ހުމެއްގެ ތެރޭގައި އަޅުގަނޑުމެން ތިބުމަށް ވުރެ މުޅި ގައުމަށްޓަކައިވެސް އަދި ރައްޔިތުންނަށްވެސް އެންމެ ފައިދާވާނީ އިންތިޚާބުތައް މަދުކޮށްފައި ރައްޔިތުންނަށް ބާރުލިބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުން ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންނާއި މަޖިލީހަށް ވާދަކުރައްވާ ބޭފުޅުން ނުކުންނަވާނީ އެއް ޓީމެއްގެ ގޮތުގައި ކަމަށެވެ. މީގެ ސަބަބުން އިޖުތިމާއީ މައްސަލަތައް މަދުވެ، މަލްޓިޕާޓީ ސިސްޓަމްގެ ރޫހު އިތުރަށް އާލާވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ބަދަލަކީ ޕީއެންސީން ވަރަށް ބޮޑަށް ތާއީދުކުރާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ ބަސް، ރައްޔިތުން ދެކޭ ގޮތް ބަލައިގެން މިހާރު މި ރޭވިފައި އޮތް ގޮތަށް، ހުށަހެޅިފައި އޮތް ގޮތަށް ގާނޫއަސާސީއަށް އިސްލާހު ގެނައުމަކީ އަޅުގަނޑުމެންގެ ޕާޓީން ހަމަ ވަރަށް ބޮޑަށް ތާއީދުކުރާ ކަމެއް،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކާ އެކު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެމްޑީޕީން ބުނީ ދެ އިންތިހާބު އެއްކޮށްލުނަށް އެ ޕާޓީން ތާއީދު ނުކުރާކަމަށެވެ.

"ތިބޭފުޅުން މިގޮތަށް އަމަލުކުރެއްވުމުގެ ނަތީޖާއަކީ ހަގީގަތުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި މި ބުނާ ބަދަލު ގެނައުމަށް، ރައްޔިތުންގެ ކައިރިއަށް ގެންދަން ޖެހޭ ޒާތުގެ ކަންތައްތަކަށް ރައްޔިތުންނަށް އިންފޯމްޑް ޑެސިޝަން އެއް ނެގުމުގެ ފުރުސަތު ނުލިބުން. އަޅުގަނޑުމެން މިތާ ތިބެގެން ކިހިނެއްތޯ ބަލާނީ މިއީ ރައްޔިތުން ބޭނުންވާ ކަމެއްތޯ؟" އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށްލަން ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ފެންނަ ނުފެންނަ ވޯޓު އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުއެކީގައި ބާއްވަން މިނިވަން މުައައްސަސާތަކުގެ ކޮމިޓީން ދަނީ މަޝްވަރާ ކުރަމުންނެވެ. އެކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ޚިޔާލު އަދި ބަނޑާރަނައިބުގެ އޮފީހުގެ ލަފާވެސް ވަނީ ހޯދާފައެވެ.