ހިޔާ ފްލެޓުގެ 5ވަނަ ޓަވަރުގައި ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފާޚާނާ ހޮޅިތައް ހަފްތާއެއްގެ ތެރޭގައި މަރާމާތުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ހައުސިންގ ޑިވެލޮޕްމަަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.
ހިޔާގެ 5ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ވަނީ ގެއްލުންވެފައެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން ވައިގޯޅި ތެރޭގައި ހުރި އޭސީ ޔުނިޓުތަކަށްވެސް ގެއްލުންވެފައިވެއެވެ. މި މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗްޑީސީން ވިދާޅުވީ، ވައިގޯޅީގައި ހުރި އޭސީ ޔުނިޓުތައް ނަގާ ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާއަށްފަހު ހޮޅިތަކަށް ލިބުނު ގެއްލުން ދެނެގަނެ މަރާމާތު ކުރުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މީގެ އިތުރުން، މައި ހޮޅި މަރާމާތުކުރަމުންދާ ވަގުތުތަކުގައި ފާހާނަ ބޭނުން ނުކުރެވުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ. އަދި މި މަސައްކަތްތައް ހަފްތާއެއްގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
އެޗްޑީސީން ވިދާޅުވީ، މަރާމާތުކުރުމުގެ މަސައްކަތްތައް އަވަހަށް ނިންމާލުމަށް އެޕާޓްމެންޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން މިކަމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު 5ގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 7 ޖަހާކަށްހާއިރެވެ. އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ވަނީ ވަގުތުން ހަރަކާތްތެރިވެ އަލިފާން ކޮންޓްރޯލް ކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ 30 އެޕާޓްމަންޓުގައި ދިރިއުޅޭ 140 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމަށާއި ކެއުން ބުއިމަށް އެހީީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި 49 ފިރިހެނުންނާއި 48 އަންހެނުންނާއި 43 ކުޑަކުދިން ހިމެނޭކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.