ކުޅިވަރު

ޕާކިސްތާނުން އިންޑިޔާ މެޗު ބޮއިކޮޓް ކޮށްފި


  • އިންޑިޔާއާ ދެކޮޅަށް ޕާކިސްތާން ކުޅެން ޖެހޭ މެޗު އޮންނާނީ މިމަހުގެ 15ގައި

ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗު ނުކުޅެން ނިންމައި އެކަން ޕާކިސްތާން ސަރުކާރުން އިއުލާނު ކޮށްފި އެވެ.

ކްރިކެޓްގެ ގަދަ ބާރެއް ކަމުގައިވާ ޕާކިސްތާން ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް މިރޭ ނެރުނު ބަޔާނުގައިވަނީ އިންޑިޔާ އާއި ސްރީލަންކާގައި އަންނަ ހޮނިހިރު ދުވަހު ފަށާ މުބާރާތުގައި އެގައުމު ބައިވެރިވާނެ ކަމަށެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހު އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ޕާކިސްތާން ޓީމު ދަނޑަށް ނުނުކުންނާނެ ކަމަށެވެ. ނަމަވެސް މި ނިންމުމުގެ ފަހަތުގައިވާ ސަބަބެއް ބުނެފައިނުވެ އެވެ.

ޕާކިސްތާނުގެ ނިންމުން މިއައީ ފެބްރުއަރީ ހަތަކުން މާޗު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަކަށް ބާއްވާ މުބާރާތުގައި ކަންކުރާނެ ގޮތަކާމެދު އެ ގައުމުގެ ކްރިކެޓް ބޯޑުގެ ރައީސް އަދި އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ ވަނީ މިދިޔަ ހަފުތާގައި ބޮޑު ވަޒީރު މުހައްމަދު ޝާހްބާޒް ޝަރީފާ ވެސް ބައްދަލުކޮށްފައިވަނިކޮށެވެ. އޭގެ ފަހުން މިކަމާމެދު ޕާކިސްތާނު ސަރުކާރުގެ އެންމެ އިސްވެރިންގެ މެދުގައި މިއަދު ވަނީ ސީރިއަސް މަޝްވަރާތަކެއް ކޮށްފަ އެވެ.

އިންޑިޔާގެ މީޑިއާތަކުން ބުނަނީ މިއީ ބަލޯކިސްތާނަށް ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއާ އިންޑިޔާއާ ގުޅުވައި ޕާކިސްތާނުން ނިންމި ނިންމުމެއް ކަމަށެވެ. އަދި މިއީ އިންޑިޔާގައި މުބާރާތް ނުކުޅެން ވެގެން މުބާރާތުން ވަކިވި ބަނގްލަދޭޝް އަށް ތާއީދު ކުރުމުގެ ގޮތުން ޕާކިސްތާނުން ކުރި ކަމެއް ވެސްމެ ކަމަށެވެ.

ޕާކިސްތާނުން ކުރިން ވިސްނަމުން ދިޔައީ މުބާރާތުގައި ބައިވެރި ނުވުމަށެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އިންޑިޔާ ބޭނުންހާ ގޮތަށް ކަންތައްތައް ކުރަމުންދާތީ ކަމަށެވެ.

2009 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕާކިސްތާނުން އިންޑިޔާ މެޗު ނުކުޅެން ދައްކާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ބަންގްލަދޭޝްގެ މެޗުތައް ލަންކާ އަށް ބަދަލުކޮށްދިނުމަށް އެ ގައުމުން އެދިފައިވަނިކޮށް އެކަން ބަލައިނުގަނެ ބަނގަލްދޭޝް މުބާރާތުން ވަކިކޮށް އެ ޖާގަ ސްކޮޓްލޭންޑަށް ދިނުމެވެ. ޕާކިސްތާން ގަބޫލު ކުރާ ގޮތުގައި މިއީ އައިސީސީން އިންޑިޔާ ރުއްސަން ކުރި ކަމެކެވެ. އަދި މިއީ އެއް ކަމެއްގައި ދެ ގައުމެއްގެ މެދުގައި ފާޅުކަން ބޮޑުގޮތެއްގައި ތަފާތު ކުރުން ކަމަށް ވެސް ބުނެފައިވެ އެވެ.

ޕާކިސްތާން އިޝާރާތް ކުރަނީ ހުސްވި އަހަރު އެ ގައުމުގައި ބޭއްވި އޭޝިއާ ކަޕް ކުޅެން ޕާކިސްތާނަށް އައުމަށް އިންޑިޔާ ދެކޮޅު ހެދުމުން އެ ގައުމުގެ މެޗުތައް ޑުބާއީ އަށް ބަދަލު ކުރުމާ ގުޅިގެންނެވެ. މީގެ ސަބަބުން ޕާކިސްތާނުގައި ބޭއްވި މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ކުޅެން ޖެހުނީ ޑުބާއީގަ އެވެ. ހަގީގީ މުބާރާތެއް ބޭއްވި ކަމުގެ އިހުސާސް ޕާކިސްތާނަށް ނުކުރެވުނެވެ. މިހެންވެ އިންޑިޔާ އަށް ޖެއްސުން ކުރެވޭގޮތަކީ އެ ގައުމާ ދެކޮޅަށް ނުކުޅުން ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

ޕާކިސްތާނުގެ މި ނިންމުމާއެކު އެ ގައުމަށް ގްރޫޕް ސްޓޭޖުގެ ދެ ޕޮއިންޓް ގެއްލޭނެ އެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ނެމީބިއާ އާއި ނެދަލޭންޑްސް އާއި އެމެރިކާ އެވެ. މި ޓީމުތަކަށް ބަލާއިރު އިންޑިޔާ މެޗު ދޫކޮށްލާފައި ވެސް ޕާކިސްތާނަށް ދެ ވަނަ ބުރަށް ދިއުމަށް ހުރަސްއެޅޭ ވަރުގެ ގަދަ ޓީމެއް ނެތެވެ.